މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ދިވެހި ފަސް އުފެއްދުމެއް ތައްޔާރު ކުރާނެ މެޝިނަރީ ހޯދައިދެނީ

ދިވެހި ފަސް އުފެއްދުމެއް ފުޅާ ދާއިރާއެއްގައި އުފައްދަން ފަށަން ބޭނުންވާނެ މެޝިނަރީ ހޯދުމުގެ މަސައްކަތް ކުންމިން ފެއާގައި ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ޖޫން 12-17 އަށް ޗައިނާގެ ކުންމިން ސިޓީގައި ބާއްވާ ޗައިނާ އެކްސްޕޯޓް އެންޑް އިންޕޯޓް ފެއާގައި ރާއްޖޭގައި ދިވެހި އުފެއްދުންތައް ފުޅާ ދާއިރާއެއްގައި އުފައްދަން ބޭނުންވާ މެޝިނަރީ ސަރުކާރުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ސޮފްޓް ޓޯއީޒް ހަދާ މީހުން. އެކަމަކު މިކަން ކުރަނީ ވަރަށް މެނުއަލްކޮށް. އަޅުގަނޑުމެން އެސިސްޓް ކޮށްދެން ފަސް ޕްރޮޑަކްޓެއް ނަގައި. އެ މެކެނައިޒްކޮށް އެ އެސިސްޓް ކޮށްދޭން. މިކަން ކޮށްދެނީ ހިލޭ،" އާދަމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ފެއާގައި ބައިވެރި ކުރުމަށް 250 ވައްތަރުގެ 9،500 އަށްވުރެ ގިނަ ދިވެހި އުފެއްދުންތައް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ކަނޑު މަގުން ގެންދާ ތަކެތި ޗައިނާއަށް ފޮނުވުމާއި ފެއާގައި ބަހައްޓާ ޕެވިލިއަންތައް ފަރުމާކުރުމުގެ މަސައްކަތްތައް ކަމަށެވެ.

"ތަކެތި ސީފްރައިޓް ކުރުމުގެ މަސައްކަތް މި ކުރަނީ. މީގެ އިތުރުން ޕެވިލިއަން ފައިނަލްކޮށް، ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކުރަނީ،" އާދަމް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ އުފެއްދުންތައް ބައިވެރިކުރާ މި ފެއާގައި މި އަހަރު ރާއްޖެއަކީ "ކަންޓްރީ އޮފް އޮނާސް" އެވެ. މި ޝަރަފު ރާއްޖެއަށް ލިބުމުން ވަނީ ފެއާގައި ބައިވެރިވުމަށް އިތުރު ފުރުސަތު ތަކެއް ހުޅުވިފަ އެވެ.

އާދަމް ވިދާޅުވީ މި ފެއާގައި ރާއްޖޭގެ އުފެއްދުންތެރިކަމާއި ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

"މި ފަހަރު ޗައިނާގެ ލޯކަލް ޓީވީ ޗެނަލްތަކުން ރާއްޖޭގެ އިޝްތިހާރު ކުރާނެ. މަގުތަކާއި ބޮޑެތި މޯލްތައް ކައިރީގައި ރާއްޖޭގެ ސަގާފީ ޝޯވްތައް ބާއްވަން ފުރުސަތު ލިބޭނެ."

މި އަހަރުގެ ކުންމިން ފެއާގައި ކުދި ވިޔަފާރި ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމުތަކުގެ ދަށުން އުފައްދާ ދިވެހި އުފެއްދުންތައް ހިލޭ ޗައިނާ އަށް ގެންގޮސްދެ އެވެ. އަދި އެފަރާތްތަކަށް ޗައިނާއަށް ދިއުމުގެ ފުރުސަތު ވެސް ލިބެ އެވެ.

އޭނާ ވިދާޅުވީ ކުދި ވިޔަފާރިތަކަށް ފެއާއަށް ނުދެވޭނަމަ، ސަރުކާރުން ފަރާތުން ތަކެތި ގެންގޮސް ވިއްކައި ދިނުމާއި އުފެއްދުންތައް ޕްރޮމޯޓް ވެސް ކޮށްދޭނެ ކަމަށެވެ.

"ސްޕޮންސާ ކޮށްގެން ބޮޑެތި ވިޔަފާރިތަކަށް ބައިވެރިވެވޭނެ،" އާދަމް ވިދާޅުވި އެވެ.

"މީގެ ސަބަބުން ދިވެހިރާއްޖޭގެ ޕްރޮޑަކްޓްސް ބޯޑު ހުރަސްކޮށްފައިދާ ފުރަތަމަ ފަހަރު މިއީ. ޗައިނާ ނުކިޔަސް ސައުތު އޭޝިޔާ މި ފެއާގައި ބައިވެރިވޭ. އެހެންވެ ގައުމުތަކުގެ މީހުންނަށް ރާއްޖޭގެ އުފެއްދުންތައް ފެނިގެންދޭ. ފެއާގައި ބޮޑެތި މެޝިނަރީ އުފައްދާ ވިޔަފާރިތަކުން ވެސް ބައިވެރިވޭ."