ރައީސް އަބްދުﷲ ޔާމީން

އިންވެސްޓަރުން ހޯދަން ނިއުޒީލޭންޑްގެ އެހީ ބޭނުން: ރައީސް

Apr 28, 2016

ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގައި ނިއުޒީލޭންޑްގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނިއުޒީލޭންޑުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޔާމީނަށް އަރުވަން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނިއުޒީލޭންޑްގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވުމަށް ފަހު ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގައި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ދެ ގައުމަކީ ވެސް ޖަޒީރާ ގައުމަށް ވީތީވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދާ ފަތުރުވެރިކަމުގެ ހާލަތު ސަފީރާ ހިއްސާ ކުރައްވާ ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ، ފަތުރުވެރިންގެ ޢަދަދު އިތުރުކުރެވޭނީ ރާއްޖޭގެ ވައިގެބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނެވިގެން ކަމަށެވެ. އެއާޕޯޓްގެ ބިޔަ މަޝްރޫއެއް މިހާރު ކުރިޔަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނިއުޒީލޭންޑްގެ އާ ސަފީރު ޑރ. ޖޮނަތަން އެޑްވާޑް އޮސްޓިން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ނިއުޒީލެންޑާ ދެ ގައުމުގެ ކުރިއެރުމަށް ބޭނުންވާ ހުރިހާ ކަމެއްގައި އެމަނިކުފާނު އެހީތެރިކަން ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.