ސްވިޒަލޭންޑްގެ ވިޔަފާރިވެރިޔަކު ރަހީނުކުރި ކަމަށްބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުއާ ސުވާލުކުރި މައްސަލަ ފައިލްކޮށްފި އެވެ. އެ ވިޔަފާރިވެރިޔަކީ ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ވެރިޔާ ކްރިސްޗޮޕާ ޕީޓާ ނިކޮލާ ގްރޯ އެވެ.
ފުލުހުން އެމައްސަލަ ފައިލްކޮށް އަދީބަށް ފޮނުވި ލިޔުމެއްގައި ބުނެފައިވަނީ އެމައްސަލަ ފައިލު ކުރީ އެކަށީގެންވާ ހެކި ނެތިގެން ކަމަށެވެ.
މި މައްސަލާގައި އަދީބުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ނިކޮލާ ދިރިއުޅޭ ގޭގައި އުޅެނިކޮށް އޭނާ ރަހީނުކޮށް ތިން މިލިއަން އެމެރިކާ ޑޮލަރު ދިނުމަށާއި ފައިސާ ނުދީފިނަމަ މަރާލާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށެވެ. އަދި ނިކޮލާ އާއި އޭނާގެ ހިއްސާ އޮންނަ ނޫމަޑި ކުންފުނީގެ މުވައްޒަފުންނަށް ބިރުދެއްކުމަށް އިރުޝާދުދީ، އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތު އަދީބަށް ވަނީ ކޮށްފަ އެވެ.
ނޫމަޑިއަކީ ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓްތައް އެޅުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. އެ މަޝްރޫއުގެ އިތުރުން ވެސް ރާއްޖޭގެ އެކި ސަރަހައްދުގައި ފްލެޓްތައް އެޅުމަށާއި ރިސޯޓް ތަރައްގީކުރަން ނޫމަޑިއާ ހަވާލުކުރި އެވެ. ނަމަވެސް ގިނަ މަޝްރޫއުތައް މިހާރު ވަނީ އެ ކުންފުނިން ނަގާފަ އެވެ.
ފުލުހުންގެ ފްލެޓްތަކުގެ މައްސަލާގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅާފައިވެ އެވެ. އެ ކުންފުންޏަށް އެ މަޝްރޫއު ހަވާލުކުރުމުގައި ފުލުހުން ނާޖައިޒް ފައިދާ ހޯދާފައިވާ ކަމަށާއި އެ މަޝްރޫއު ހިންގުމަށް އެ ކުންފުނީގެ ގާބިލުކަން ނެތް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.