ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ ކަމަށާއި އެ ހުކުމް އުވާލައިފިނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ދަށުން 2022 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓް އދގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި އިއްޔެ އާއި މިއަދު ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ބައިވެރިވެވަޑައިގެން އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގައި ހަދާ ކޮންމެ ގާނޫނެއްގެ މަސްދަރަކީ އިސްލާމްދީން ކަމަށެވެ.
"އެހެންކަމުން މަރުގެ ހުކުމް އުވާލުމުން ގާނޫނުއަސާސީއާ ހިލާފުވެވޭނެ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަކީ ރައްޔިތުންގެ ރުހުން އޮތް ގާނޫނުތަކެއް ކަމަށާއި އެހެންކަމުން މަރުގެ ހުކުމް އުވާލައިފި ކަމަށްވާ ނަމަ ގާނޫނުއަސާސީއާ އެންމެންނަށްވެސް ހިލާފުވެވޭނެ ކަމަށެވެ.
އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ހާލަތެއްގައި އެ ހުކުމް ތަންފީޒު ކުރާނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމުން ކަމަށެވެ.
މާފުށީ ޖަލުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ފެސިލިޓީއާ ބެހޭގޮތުން އިހްސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގާއިމުކޮށްފައިވާ އެ ފެސިލިޓީއަކީ ގާނޫނީ ފްރޭމްވޯކްގެ ތެރެއިން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. ނަމަވެސް އެ ފެސިލިޓީގައި މަރުގެ ހުކުމެއް އަދި ތަންފީޒު ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގަިއ އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނީ 1954 ވަނަ އަހަރު ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މިހާރު މަރުގެ އަދަބު ތަންފީޒު ކުރުމަށް ހުކުމްކޮށްފައިވާ ހަތަރު މީހެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ތެރޭގައި ހިމެނެނީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސައިން ހުމާމު އާއި، ގާނޫނީ ވަކީލް އަހްމަދު ނަޖީބުގެ ގާތިލް މ. މަސްރޫރާ އަހްމަދު މުއްރަތާއި، އަބްދުﷲ ފަރުހާދުގެ ގާތިލް ގ. ރީފް މުހައްމަދު ނަބީލްގެ އިތުރުން މ. ފެއަރީކޯނާ އަލީ ޝިފާންގެ ގާތިލް މުހައްމަދު ޝައިފަން އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެ އެކަމާ ގުޅޭ މަސައްކަތްތަކެއް މިހާތަނަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގަވައިދެއް ހަދައި ލީތަލް އިންޖެކްޝަނެއް ޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރަން ޔާމީންގެ ސަރުކާރުން ނިންމި އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަން ހާއްސަ ތަނެއް ހެދުމުގެ މަސައްކަތްވެސް އޭރު ކުރި އެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ނިންމާފައި އޮތީ މަރުގެ ހުކުމް ތަންފީޒު ނުކުރަމަށެވެ.