އދގެ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ހައްގުތައް ރާއްޖޭގައި ދެވޭނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ގާނޫނުއަސާސީއާއި، ގާނޫނުތަކުގެ ތެރެއިން ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ބަންޑާރަނައިބް އުޝާމް މިގޮތަށް ވާހަކަ ދެއްކެވީ އައިސީސީޕީއާރްގެ ދަށުން 2022 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އދގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި އިއްޔެ އާއި މިއަދު ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ރާއްޖޭގެ ފަރާތުން ދެއްކެވި ވާހަކަފުޅު ގައެވެ.
މި ރިޕޯޓަކީ އައިސީސީޕީއާރްގެ ދަށުން ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެގޮތަށް ލިބިދިނުމަށްޓަކައި، ޖުލައި 2012 އިން މާޗު 2022ގެ ނިޔަލަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމަނައި، އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެކެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ރިވިއުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބަންޑާރަނައިބްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ހިމެނޭގޮތުން ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް މި ސެޝަންތަކުގައި ބައިވެރިވެފައިވެ އެވެ. މިވަފްދުގައި އެންމެ އިސްވެރިޔަކަށް ހުންނެވީ ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
މި ރިވިއު ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވީ އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސް ކަމަށާއި، އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އުޝާމް ވިދާޅުވީ ރާއްޖޭގައި އައިސީސީޕީއާރްގެ ހައްގުތައް ލިބިދެވޭނީ ރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ރިވިއު ސެޝަނަށްފަހު ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އދގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިން އޮބްސަވޭޝަންތަކާއި ރިކޮމެންޑޭޝަންތައް މިމަހުގެ 19 ގައި ދިވެހި ސަރުކާރާ ޙިއްސާކުރާނެ އެވެ.