ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިއަދު މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުގައި ހިމެނޭ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ސަރުކާރުގެ "ސްޓޭންޑް" އަކީ ކޮބައިތޯ އާއި އެކަމުގައި ސަރުކާރުން ކުރާ މަސައްކަތަކީ ކޮބައިތޯ އަހާފަ އެވެ.
އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން އަޅުގަނޑުމެންވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއްއަލީ އިހްސާން | މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓަރު އިހްސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރާނަމަ އެކަންކުރާނީ ބަލަންޖެހޭ ކަންކަން ބަލާފައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރެއިން ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ މީގެ 69 އަހަރު ކުރިން 1954 ގައެވެ. ރާއްޖޭގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒުކުރަން ޖެހިފައިވާ ހަތަރު މީހަކު ޖަލުގައި އެބަތިއްބެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެ އެކަމާ ގުޅޭ މަސައްކަތްތަކެއް މިހާތަނަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގަވައިދެއް ހަދައި ލީތަލް އިންޖެކްޝަނެއް ޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރަން ޔާމީންގެ ސަރުކާރުން ނިންމި އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަން ހާއްސަ ތަނެއް ހެދުމުގެ މަސައްކަތްވެސް އޭރު ކުރި އެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ނިންމާފައި އޮތީ މަރުގެ ހުކުމް ތަންފީޒު ނުކުރަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ހަތަރު މީހުންނެވެ. އެއީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސައިން ހުމާމު އާއި، ގާނޫނީ ވަކީލް އަހްމަދު ނަޖީބުގެ ގާތިލް މ. މަސްރޫރާ އަހްމަދު މުއްރަތާއި، އަބްދުﷲ ފަރުހާދުގެ ގާތިލް ގ. ރީފް މުހައްމަދު ނަބީލްގެ އިތުރުން މ. ފެއަރީކޯނާ އަލީ ޝިފާންގެ ގާތިލް މުހައްމަދު ޝައިފަން އެވެ.