ކްވޭތު

ވިޔަފާރިއާއި އެކްސްޕޯޓްގައި ކުވޭތާއެކު ގުޅުން ބަދަހި ކުރަން ރައީސް މަޝްވަރާ ކުރައްވައިފި

Apr 28, 2016

ރާއްޖޭގެ ވިޔަފާރިއާއި އެކްސްޕޯޓްގެ ދާއިރާއިން ކުރާ މަސައްކަތްތަކުގައި ރާއްޖެއާއި ކުވޭތާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް، ކުވޭތުގެ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ދިޔައީ ކުވޭތު ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުއްވުމަށްފަހު މިއަދު އޮތް ބައްދަލުވުމުގަ އެވެ.

ކުވޭތުގެ އާ ސަފީރު ޚަލަފް އެމްއެމް ބޫ ދުޚައިރު ވިދާޅުވީ ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމަށާއި އެ ޔަގީންކަން އަރުވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގައި ކުވޭތުގެ ހިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ޤާއިމްކުރުމުގައި ކުވޭތު ފަންޑުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރަނިވި ބަދަލުތަކެއް އަންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމުގައި ވިދާޅުވެ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢޫލޫމާތު ކުވޭތުގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަތޮޅުތެރޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް ކުވޭތުގެ ސަފީރާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، އަތޮޅުތެރޭގައި އެންމެ ބޮޑަށް ދަތިވެފައިވަނީ ސާފު ބޯފެން ނުލިބުމާއި، ރަނގަޅު ނަރުދަމާގެ ނިޒާމެއް ޤާއިމްވެފައި ނެތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ކަންކަން ހައްލު ކުރުމުގައި ކުވޭތު ސަރުކާރުން ރާއްޖެއަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ކުވޭތުގެ ސަފީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި މިކަންކަން ހައްލު ކުރުމުގައި އިސްލާމީ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ، އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.