އެމެރިކާ

ފޭކް ފިސްތޯލައަކާއެކު އުޅުނު ކުއްޖެއް ގަޔަށް އެމެރިކާގައި ބަޑި ޖަހައިފި

ފޭކް ފިސްތޯލައެއް ހިފައިގެން އުޅުނު 13 އަހަރުގެ ކުއްޖެއް ގަޔަށް އެމެރިކާގައި ފުލުހުން ބަޑި ޖަހާ ޒަހަމްކޮށްލައިފިއެވެ. އެ ކުއްޖާ ގަޔަށް ބަޑި ޖެހި ހާދިސާ އައީ ބަލްޓިމޯ ޝޫޓިންގްގައި މަރުވި ކަޅު ނަސްލުގެ މީހާގެ މަރަށް އެއް އަހަރު ވި ދުވަހު އެވެ.

މި ކުއްޖާ ގަޔަށް ބަޑި ޖަހާފައިވަނީ، ކުއްޖާ އަތުގައި އޮތް ފޭކު ބަޑިއަކީ އަސްލު އެއްޗެއް ކަމަށް ފުލުހުންނަށް އޮޅިގެނެވެ.

ބާލްޓިމޯގެ ޕޮލިސް ކޮމިޝަނަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ ފުލުހަކަށް އެ ކުއްޖާ ބަޑި ހިފައިގެން އުޅުނުތަން ފެނިގެން ސުވާލު ކުރަން ހުއްޓުވީ ކަމަށެވެ. ނަމަވެސް ފުލުހުން ސުވާލު ކުރަން ފެށުމުން އެ ކުއްޖާ ދުއްވައިގަތް ކަމަށާއި، ފުލުހުން އެ ކުއްޖާ ފަހަތުން ދިޔަ ކަމަށެވެ.

ޒަހަމްވި އެ ކުއްޖާއާބެހޭ ގޮތުން ނާއި ލިބުނު އަނިޔާއާބެހޭ ގޮތުން ފުލުހުން އިތުރު ތަފްސީލް ދީފައެއް ނުވެއެވެ. ނަމަވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފިސްތޯލައެއް ކަމަށް ޝައްކުވާ އެއްޗެއް ކުޑަ ކުއްޖަކު ގެންގުޅުމުން އެކަން ތަހްގީގު ކުރުމަކީ ފުުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ކުއްޖާ ދުވެ ފިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މި ހާދިސާއާއި ގުޅިގެން މި ކުއްޖާގެ މަންމަ ވެސް ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި އެވެ.