ރިޕޯޓް

ހަރާމް، ހަލާލު، މަނާ! ނުކާއިރެއް ނުދޭ!

Feb 3, 2015
2

ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ރަށްރަށަށް އަރާ ވެލަޔާއި ކަނޑު ފަޅުތަކުގައި ދުވެދުވެ ތިބޭ ވެލާ ނަގައި ފަޅަފަޅައިގެން އޭގެ މަހާއި ބިސް ކަމުންދާ މައްސަލަ ވަނީ ބޮޑު ވެއެވެ. އެފަދަ "ކަތިލުން" ތަކަށް ދުނިޔޭގެ ސަމާލުކަން ލިބެމުންދެ އެވެ. ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށާއި އެނޫން ވެސް ބައެއް ކަންކަމުގެ ތެރެއިންނެވެ. އެހުރި ބައެއް މައްސަލަތަކުގެ ތަހުގީގުތައް މިހާރު ވެސް އެބަހިނގަ އެވެ.  

އެއް ކަމެއް އެނގެ އެވެ. ކިތަންމެ މަނަލެއް ކުރިޔަށް ދިވެހިން ވެލާ މަސް ނުކައެއް ނުތިބޭނެ އެވެ. އެކަން ތާރީހުން ވަރަށް ރީއްޗަށް ފެންނާން އެބައޮތެވެ. މިހާރަށް ހިއްސާކުރުމުގެ ގޮތުން ވެލާމަހާ ދިވެހިންނާ ހުރި ގުޅުމުގެ ބައެއް ވާހަކައަށް ބަލައިލާނަމެވެ.

ތާރީހަށް ދާއިރު ކުރީ ޒަމާނުން ފެށިގެން ވެލާ މަހަކީ ރާއްޖޭގައި ހަރާމް އެއްޗެކެވެ. ވެލާ މަހާ ވެލާ ބިހާ ތެލާއި ތެޔޮކުނޑިވެސް ހަރާމެވެ. އެކަމަކު އޭރުވެސް ދިވެހިންނަށް އެންމެ މީރު މަހަކީ ވެލާ މަހެވެ. ސިއްރުން އެންމެން ވެސް ވެލާ ފަޅައިގެން ކަ އެވެ.

ވެލާ މަސް ހަރާމް ކަމަށް ނިންމައިގެން ތިބި ތިބުމަށް އިތުރު ބާރެއް ދިވެހި ދައުލަތުގެ އެއްބާރު ކަމަށްވާ ޖުޑީޝަރީން ވެސް ގެނެސްދިނެވެެ. އެ ނިންމުން އައީ ވެސް ވެލާ މަހުގެ މައްސަލާގައި ތަފާތު ނިންމުންތައް އެކި މީހުން ނިންމައި ސިއްރިޔާތުގައި ވެލާފަޅައިގެން ކައި އެ ކަމުގެ ބަހުސްތައް އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް ގަޔަށް އަތްލައި ހިސާބަށް ދިއުމުންނެވެ.

އެގޮތުން ރާއްޖޭގެ ފަނޑިޔާރު ކަމުގައި ހުންނެވި އަލީ ހުޝާމުއްދީން އެ މައްޗަށް ބުއްދި ހިނގައި ޝަރީއަތުގެ ރޫލިންއެއްގެ ގޮތުގައި ވެލާ މަހާ ބެހޭ ގޮތުން ރޫލިންއެއް ނެރުއްވައިފި އެވެ. ދީނީ ފަތުވާއެއްގެ ގޮތުގައި ބަލައިގެނެވެ. އެހިސާބުން، ޗީފް ޖަސްޓިސް ނެރުއްވި އެ ރޫލިން އާއެކު ރާއްޖޭގައި ވެލާމަސް މުޅިންމެ ރަސްމީކޮށް ހަރާންވީ އެވެ. ފަނޑިޔާރު ހުޝާމުްދުއްނީ ނުވަތަ ޗީފް ޖަސްޓި ނެރުއްވި ރޫލިން، ފަތުވާގައި ބުނާ ކަމަށް ވަނީ "ވެލާ މަހަކީ އާދަމުގެ ދަރިޔާއަށް ހަރާމް އެއްޗެއް" ކަމަށެވެ.  

ވެލާ މަހަކީ ހަރާން އެއްޗެއްތޯ ހަލާލު އެއްޗެއްތޯ ބައެއް އިލްމުވެރިން މިހާރު ވެސް ސުވާލު އުފައްދަ އެވެ. އެސުވާލު އުފައްދަނީ ވެލަޔަކީ އެއީ ކަނޑު ފަޅުގައި އުޅޭ މަސް ފަދަ ދިރުމެއްތޯ ނުވަތަ ހިކިފަހުގެ ދިރުމެއްތޯ ނުވަތަ އެއްގައިމާއި ކަނޑުގައި އުޅޭ ކިނބޫ ފަދަ ދިރުމެއްތޯ ކަނޑައެޅުމަށް ކުރާ ބަހުސްގެ ތެރެއިނެވެ.  

މިހާރުގެ ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުން ވެލަޔަކީ ކަނޑުގެ ދިރުމެކެވެ. ހަމައެއާއެކު ކުރިން ވެސް އަދި މިހާރުވެސް ބައެއް މީހުން ބުނާ ގޮތުގައި ވެލައަކީ އެއް ގަމުގެ ދިރުމެކެވެ. އަދި ބައެއް މީހުންގަ ނަޒަރިއްޔާއަކީ އެއީ ހިކިފަހާއި މޫދުގައި އުޅޭ ކަކުނި ފަދަ ދިރުމެކެވެ.  

މި ސުވާލުވާތަކުގެ ތެރޭގައި ވެސް ވެލާ މަސް ރާއްޖޭގައި އޮތީ ހަރާމް ވެފައެވެ. އެކަމަކު ވެލާ މަސް ސިއްރުން ކައި ނޫޅޭ އިރެއް ނާދެ އެވެ. އަދި ކައިފިތަ، އެކަން އެނގިއްޖެތަ، އެ މީހަކަށް ބޮޑުވެގެން އަދަބު ދީ ހޭ އަރުވާލަ އެވެ.

އޭގެ މާ ފަހުން 1913 ނޫނީ 1912 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް ވެލާ މަސް ރާއްޖޭގައި މާ ގަދައަކަށް  "ހަރާމް" ވެއްޖެ އެވެ. މި ފަހަރު ވެލާ މަސް އެހާ ގަދައަކަށް ހަރާމްވުމާއެކު ސިއްރުން ވެލާ ފަޅައި އުޅުނު މީހުން ވެސް ވެލާ މަހާ ދުރަށްޖެހުނެވެ. އެކަން އެހެން ދިމާވާން ޖެހުނީ ދިވެހީން އެ އިލްމުވެރިއަކަށް އިންތިހާއަށް ލޯބިކުރާ އިލްމުވެރިޔާ ހުސައިން ސަލާހުއްދީނު ލިޔުއްވެވި "އައްދުއްރަތުލް ބަހިއްޔާ" ގައި ވެލާ މަހަކީ ހަރާމް އެއްޗެއް ކަމަށް ލިޔުއްވައިގެނެވެ. ސޮލާހުއްދީނު ލިޔުއްވައިފިތަ އެއީ ކުރެވޭ ހީ ޔަގީންވީ އެވެ. އެހެންވީމާ އެހިސާބުން ހަރާމްވީ އެވެ.

ސޮލާހުއް ދީން ލިޔުއްވަނީ "ކަނޑުގައި އުޅޭ ތަކެތި ކޮންމެ ގޮތަކުން މަރުވިޔަސް ހަލާލު ވާހުށި! ކަނޑުގައްޔާއި އެއްގަމުގައްޔާއި ދިރިއުޅޭ ބޮއް ފަދަ، ކަކުނި ފަދަ، ކަހަނބު ފަދަ، ވެލާ ފަދަ، ވާވޮށި ކިނބޫ ފަދަ ކޮންމެ އެއްޗެއް ހަރާމް ވާހުށި!" އެވެ.

އެހައިރުން އަނެއްކާވެސް ވެލާ މަސް ސިއްރުން ކާ މީހުންނަށް ތުރާލުގެ އަަދަބުދީ އަރުވާލާން ފަށައިފި އެވެ.

ކޮންމެއަކަސް ވެލާ މަސް ހަރާމްވެ، އެ މަސް ކައި އުޅޭ މީހުންނަށް އަދަބު ދެމުން ދަނިކޮށް މާ ވަރުގަދަ އިލްމުވެރިޔަކު ދިވެހި އުދަރެހުން ފާޅުވެއްޖެ އެވެ. އެއީ ސ. މީދޫ ލިޔާ މާލިމީ ނުވަތަ ލިޔަން ދޮންކަލޯ (ވޮށަދިޔަގެ މާލިމީ) ގެ ޝައިހުލް ހާއްޖު އަބްދުއް ރަހުމާނު ނުވަ ޝޭހު އަބްދުއްރަހުމާނެވެ.

އޭނާ މިސުރުގެ އަޒުހަރުން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެން ވެލާ މަހަކީ އިސްލާމް ދީނުގައި ހަރާމް މަހެއް ނޫން ކަމަށާއި ވެލާ ކަތިލައިގެން އޭގެ މަސް ކެއުމަކީ ހުއްދަ ކަމެއް ކަމަށް ދީނީ ފަތުވާއެއް ނެރުއްވައި އެ މައްޗަށް ތަގުރީތައް ދެއްވާން ފައްޓަވައިފި އެވެ. އެއާއެކު މީހުންގަނޑު ދުވެ، އުފާކޮށް ވެލާ ހިފައިގެން ފަޅައި މަހާ ބިސް ކާން ފަށައިފި އެވެ. އަދި އޭގެ ތެޔޮ ކުނޑިއަކީ ހަދިޔާގެ ގޮތުގައި މާލެ އަށާއި ރަށްރަށަށް ފޮނުވުމުގައި މާ ހިނގާ އެއްޗަކަށް ހަދައިފި އެވެ. މިހާރު މާލެ އާއި ރަށްރަށުގައި ފާޅުގައި މަސްތުވެލައިގެން މީހުން ތިބޭ ގޮތަށް ފާޅުގައި ވެލާގެ ތެޔޮކުނޑީ ކާން ފަށައިފި އެވެ. ނަތީޖާއަކަށްވީ އެ ޝައިހު މައްސަލަ ބޮޑުވެ އޭނާއާ ދެކޮޅަށް ދައުލަތުން ފިޔަވަޅުތައް އަޅައިފި އެވެ.

އަބްދުއް ރަހުމާނަކީ އަޒުހަރުގެ މިހާރުގެ އިލްމުވެރިން ވެސް އިއުތިރާފުވެވަޑައިގަންނަވާ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އެއީ ރައްޖޭގައި ފުރަތަމަ ޑިގްރީއެއް ހާސިލު ކުރެއްވި އިލްމުވެރިޔާ އެވެ. މިހާރު ނަމަ މަޝްހޫރު ޝައި އާދަމް ޝަމީމާއި އިލްޔާސް ހުސައިން ފަދަ ދޫ ހެލޭ ބޭފުޅެކެވެ. ހާއްސަކޮށް އިސްލާމިކް ފިލޯސަފީއާ ލޮޖިކް މޮޅަށް ދެނެވަޑައިގެން ހުންނެވި އިލްމުވެރިއަށް ވުމުން ވެލާ މަހާ ބެހޭ ގޮތުން އޭނާ ނެރުއްވި ފަތުވާ ހިނގައި ގާތީ ޖެހި ބަޑިއެއް ހެނެވެ. – މި ޝޭހަކީ ރާއްޖޭގެ ދިގު ތާރީހުގައި ރާއްޖެއިން ބޭރުކޮށްލެވުނު ނުވަތަ ފައްސާލެވުނު ފުރަތަމަ ދިވެހި ރައްޔިތު މީހާ އަދި އިލްމުވެރިޔާ އެވެ. އެ ވާހަކަ ފަހުން ލިޔާނީ އެވެ --

ވެލާ މަސް ހަލާލު ކަމަށް ވިދާޅުވުމާއި މަސްވެރިންގެ އަތުން ރަށްރަށުގެ ވެރިކަމުގެ ފަރާތަށް ނަގާ ބަޔާއި ރައިވެރިންގެ އަތުން ވެރިންނަށް ނަގާ ބައި ހަރާމް ކަމަށް ވިދާޅުވެ އޭނާ ވަނީ ރާއްޖޭ އެކި ރަށްރަށުގައި ދަރުސްތައް ދެއްވާފައެވެ. އަބްދުއް ރަހުމާން ވެލާމަސް ހަލާލު ކަމަށް ވިދާޅުވެ ނެރުއްވި ފަތުވާއާ ދެކޮޅަށް ދައުލަތު ބައެއް އިސްވެރިން އޭރު ދުށީ އޭނާ ވެލާ މަސް ހަލާލު ކުރެއްވީ މިސުރުން އޭނަ ކައިވެނި ބައްލަވައިގަތް ސިއްތިއަށް ވެލާ މަސް މީރު ކަމުން ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.

އޭރު ރަސްކަމުގައި މުހަންމަދު ޝަމްސުއްދީނު ހުންނެވި ނަމަވެސް ސިޔާސީ ދާއިރާގެ އެންމެ ނުފޫޒު ގަދަ ވެރިޔަކީ ހަސަން ފަރީދެވެ، އަބްދު ރަހުމާނާއި ހަސަން ފަރީދާ ދެމެދު ޒާތީ މައްސަލަތައް ޖެހުނެވެ. ބައެއް މީހުން ބުނަނީ އޭގެ އަސްލަކީ ވެސް ވެލާ މަހުގެ މައްސަލަ އެވެ. އަނެއް ބަޔަކު ބުނަނީ އަބްދުއްރަހުމާނުގެ ރީތި އަނބިކަނބަލުން ސިއްތިއާ މެދު ހަސަން ފަރީދުގެ ހިތްޕުޅުގައި އުފެދުނު "ޖަޒުބާތުތަކެއް" ބަންޑުންވީ ކަމަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އަބްދުއްރަހުމާނަކީ ކުށްވެރިއެއް ކަމަށް ކަނޑައަޅައި އޭނާ ތައުޒީރުކުރުމަށް ފަހު ވިލިމާލެ އަށް ފޮނުވާލުމެވެ.

ދެންވެސް ރާއްޖޭގައި ވެލާމަސް ހަރާމެވެ! ކިތަންމެ މީރަސް ކެޔަކު ނުދެ އެވެ. ވެލާ މަހުގައި އޮތީ އޮބި އަޅައިފަ އެވެ. އެހެން އޮވެ، ސޮލާހުދީން އަވާހަރެވެ ޗީފް ޖަސްޓިސް ކަމަށް ޝައިހު ޢަބްދުﷲ ފަހްމީ ދީދީ ހަމަޖެހުމާއެކު އެޅުއްވި ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި ވެލާ މަހަކީ ހަލާލު އެއްޗެއް ކަމަށް ޝައިހު އަބްދުއް ރަހުމާނު ނެރުއްވި ފަތުވާ ރަނގަޅު ކަމަށް ނިންމައި ވެލާ މަސް ހަލާލު ކަމަށް ރޫލިންއެއް ނެރުއްވައިފި އެވެ. ދެނެކާ ދެނެއް ނެތެވެ. ސުމާރެއް ނުބަލައި އެމީހަކަށް ޖެހުނުތަނަކުން ވެލާ ނަގައި ފަޅައިގެން ކާން ފެށީ އެވެ.

އެހެން ވެލާ މަސް ކަމުން ގޮސް ވެލާ ހުސްވާން ދަނިކޮށް 1978 ވަނަ އަހަރު މަސްވެރިކަމުގެ ގާނޫނުގެ ދެ ފޫޓަށް ވުރެ ކުދި ކަހަނބާއި 2.5 ފޫޓަށް ވުރެ ކުދި ވެލާ ހިފުމަކީ މަނާ ކަމަކަށް ނިމި އަދި ރަށްރަށުގެ ގޮނޑުދޮށުގަ އާއި މާލޭގެ މަސް މާރުކޭޓްގައި ވެލާ ފަޅައި ހެދުން ސަރުކާރުން މަނާ ކޮށްފި އެވެ.

އެހެން ކަމުން ރާއްޖޭގައި ފުރަތަމަ ވެލާ މަސްވީ ހަރާމެވެ. ދެންވީ ހަލާލެވެ. ދެންވީ ވެލާ މަސް މަނަލެވެ.

ވެލާ މަސް ހަރާންކޮށްގެން އުޅުމާއި ރާއްޖޭގެ ސިޔާސީ ހާލަތާއި ގުޅުވައި ވަރަށް ސިޔާސީ ޅެމެއް ބޮޑުފެންވަޅުގޭ ސީދީ، "ހިމާރުލް ގައުމު" ހައްދަވާފައި އޮވެއެވެ. މިޅެން އައިސްފައި ވަނީ ކެލާ ޝައިހު އިބްރާހިމް ރުޝްދީ މިސުރުން ވަޑައިގެންނެވުމުންނެވެ.  އޭގެ ބައިތެއްގައި ބުނެ އެވެ:

އޭގެ އެއް ބައިތުގައި ވެއެވެ:

ކެލާ އުފަން ހުނަށްމީ!

ވެލާމަހޯ ހަރާމީ!

ގުދޫމުކުމް ސުއޫދު!

ދޭހަ: "މިރަށުގެ ވެރިންގެ އިލްުމުވެރިކަން ހުރިވަރީ އެމީހުންގެ ކުރިމަތީގައި ވެލާމަސް ވެސް ހަރާމެވެ! އެމަގުން ހިންގަވާން އެނގި ވަޑައިގެންފިނަމަ ތިޔަ އިލްމުވެރިޔާއަށް ބާއްޖަވެރިކަން ހުއްޓެވެ!"