ރައީސް އަބްދުﷲ ޔާމީން

ރާއްޖެއަށް ހިދުމަތްކުރުމުގައި ހިތްވަރު އާވެއްޖެ: ރައީސް

Apr 28, 2016
3

ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ހިތްވަރު އާވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ޑޮކްޓަ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016" އެވޯޑަށް ފަހު އިންޑިއާއިން ރާއްޖެ ވަޑައިގަތުމުން ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވުމަށް ނެރުއްވި މެސެޖެއްގަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން އެކި އުމުރުފުރައިގެ މީހުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވަޑައިގަތުމުން، މި ސަރުކާރުން ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުން ބަލައިގަންނަކަން ހާމަވާ ކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި އެމަނިކުފާނުގެ ހިތްވަރު އާވެއްޖެ ކަމަށެވެ.

މި މެސެޖުގައި، ސަރުކާރުގެ ކާމިޔާބީތައް ސަރުކާރާއެކު ދިވެހި ރައްޔިތުން ފާހަގަ ކުރުމުން، ގައުމުގެ ކުރިމަގަށްޓަކައި އެމަނިކުފާނާއި ޓީމުން ކުރާ މަސައްކަތްތައް ރައްޔިތުން ބަލައިގަނެ، އެކަންކަމުގެ އަގުވަޒަންކުރާކަން ހާމަވާ ކަމަށާއި ދިވެހި ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށާއި އުފާވެރި ދިރިއުޅުމެއް ފަހިކޮށްދޭން ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ރައީސް ވަނީ "ޑޮކްޓަ ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް" ފުރަތަމަ ފަހަރަށް ހާސިލްކުރެއްވުމުގެ ޝަރަފު އެމަނިކުފާނަށާއި މުޅި ދިވެހިރާއްޖެއަށް ދެއްވި ކަމަށްޓަކައި ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސްއަށާއި، އިންޑިޔާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.