ދިރާގު

ދިރާގުގެ ފުރަތަމަ ކުއާޓާގެ ފައިދާ ރަނގަޅުކޮށް ކުރިއެރުންތަކެއް ހޯދައިފި

Apr 29, 2016

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގުން މިއަހަރުގެ ފުރަތަމަ ކުއާޓާ، ތިން މަސް ދުވަހުގެ ތެރޭގައި 255 މިލިއަން ރުފިޔާހެ ފައިދާއެއް ހޯދައިފި އެވެ. މިއީ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާއަށް ވުރެ، 57 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދިރާގުން އިއްޔެ އާންމު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓްގައިވާ ގޮތުގައި، ދިރާގަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އާމްދަނީގެ ގޮތުގައި 664.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާ އިރު، 10 ޕަސެންޓްގެ އިތުރުވުމެކެވެ. އެ އާމްދަނީގެ ތެރެއިން ވިޔަފާރީގެ ހަރަދުތަކާއި އިންވެސްޓްމަންޓްގެ ހަރަދުތައް ކެނޑުމަށް ފަހު. ޓެކްސް ފައިސާ އުނި ނުކޮށް ދިރާގަށް ވަނީ ފައިދާގެ ގޮތުގައި 299.1 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓެކްސް އުނިކުރުމުން 255.5 މިލިއަން ރުފިޔާ ދިރާގަށް ފައިދާ ޖެހިފައިވެ އެވެ.

މިއީ އެ ކުންފުނީގެ ވިޔަފާރިއަށް ލިބުނު ކުރިއެރުމެއްކަން ފާހަގަ ކުރަމުން ބުނީ، އެ ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ، މޯބައިލް ޑާޓާ އާއި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް އަދި ހައި ސީޒަނަލް ރޯމިން ގެ ސަބަބުން އާމްދަނީއަށް ލިބިފައިވާ ކުރިއެރުން ކަމަށެވެ.

ދިރާގުން ބުނީ ރަނގަޅު ފައިދާއެއް ހޯދުމުގެ އިތުރަށް ހިދުމަތް ރަނގަޅު ކުރުމަށް އިންވެސްޓްމަންޓްތަކެއް ވެސް މިދިޔަ ކުއާޓާގައި ކުރި ކަމަށެވެ. އެގޮތުން ކަސްޓަމަ ސާވިސްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ފަސޭހަކަމާއި އެކު ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށްޓަކައި، ލައިވްޗެޓްގެ ހިދުމަތް ތައާރަފް ކުރުމާއި ސްމާޓް ހޯމްގެ ހިދުމަތަށް ހާއްސަ ޕެކޭޖްތަކެއް ނެރުނުކަން ދިރާގުން ފާހަގަ ކުރި އެވެ. އަދި ރާއްޖޭގެ އާބާދީގެ %56 އަށް 4ޖީ އެލްޓީއީ ނެޓްވޯކް ފުޅާކުރެވުނު ކަމަށް ވެސް ދިރާގުން ބުންޏެވެ.