މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

މިއަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ އެއާލައިނެއް ހޯދަނީ

ހައްޖު ދަތުރުތަކުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާން ކޮށްފި އެވެ. އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ކޯޕަރޭޝަން މި އަހަރުގެ ހައްޖު ދަތުރުގައި ބައިވެރިވެރިވާ އުމްރާވެރިން ހުޅުލޭ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުލްއަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ބައިނަލްއަގުވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއާލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސުތު އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފަ އެވެ.

ބީލަމާބެހޭ މައުލޫމާތު ދިނުން އޮންނާނީ، އިއުލާނުގައިވާ ގޮތުން 05 މެއި 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓް ގައި އެ ކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގަ އެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި މި މައުލޫމާތު ދިނުމުގެ ބައްދަލްވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަންކަރުދާސް ހުޅުވުން އޮންނާނީ 10 މެއި 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓު ގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ހައްޖު ކޯޕަރޭޝަނަކީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ 50 އިންސައްތަ މީހުން ހައްޖަށް ގެންގޮސްދޭ ކޯޕަރޭޝަނެކެވެ. މިދިޔަ އަހަރު އެ ކޯޕަރޭޝަނުން 1300 މީހުން ހައްޖަށް ގެންގޮސްފައިވެ އެވެ. މި އަހަރު ރާއްޖެ ލިބިފައިވާ ކޯޓާ މިދިޔަ އަހަރަށް މަދެވެ. އެހެންކަމުން މި އަހަރު އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ މީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުވާނެ އެވެ.