ދުނިޔެ

އަމިއްލައަށް މަރުވާ މީހުން ޖަޕާނުގައި އެހާ ގިނައީ ކީއްވެ؟

May 1, 2016

އަމިއްލަ އަށް މަރުވާ މީހުންގެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އޮތް ކަންބޮޑުވުމެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ޖަޕާނުގައި މި މައްސަލަ އަދި ވަކިން ގޯހެވެ. އެގައުމުގައި، 2014 ވަނަ އަހަރު އަމިއްލަ އަށް މަރުވި މީހުންގެ އަދަދަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

އެ އަދަދު 25،000 އަށް ވުރެ މައްޗަށް އަރަ އެވެ. ދުވާލަކަށް ބަލާ ނަމަ ކޮންމެ ދުވަހަކަށް އެއީ 70 މަރެވެ. މިގޮތަށް އަމިއްލަ އަށް މަރުވާ މީހުންގެ މެދުގައި ގިނައީ ފިރިހެނުންނެވެ.

އަމިއްލަ އަށް މަރުވާ މީހުންގެ މައްސަލަ ބޮޑުވެގެން ގޮސް، އެމީހުންގެ މި އަމަލަށް ނިސްބަތްކޮށް ނަން ދީފައިވާ ޖަންގައްޔެއް ވެސް ޖަޕާނުގައި އޮވެ އެވެ. އައޯގަހާރާ ނުވަތަ ސުއިސައިޑް ފޮރެސްޓްގައި އެކަނި ވެސް 2010 ވަނަ އަހަރު 54 މީހަކު އަމިއްލަ އަށް މަރުވެފައިވެ އެވެ.

ޖަޕާން ފަދަ ތަރައްގީވެފައި އޮތް ގައުމެއްގައި މިހާ ގިނަ އަދަދަކަށް މީހުން އަމިއްލަ އަށް މަރުވުން ވެފައި ވަނީ ވަރަށް ގިނަ ބަޔަކު ހައިރާންވާ މައްސަލައަކަށެވެ. ސަބަބަކީ ތަރައްގީވެފައިވާ މިފަދަ މުއްސަނދި ގައުމުތަކުގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު ނިސްބަތުން މަދުވީމަ އެވެ. މިސާލަކަށް ޖަޕާނުގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު އިނގިރޭސި ވިލާތާ އަޅާބަލާއިރު އެއީ ތިން ގުނަ މަތީ އަދަދެެކެވެ.

ޖަޕާނުގައި އޮތް އަދި ބޮޑުވަމުން އަންނަ މި މައްސަލައިގެ އަސްލަށް ދިއުމުގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު އެގައުމުގެ ވެރިރަށް ޓޯކިޔޯގައި ހިނގި ހާދިސާއަކަށް ބަލައިލަމާ ހިނގާށެވެ. ޓޯކިޔޯ އިން އޮސާކާ އަށް ދަތުރު ކުރަމުން ދިޔަ ސުޕަ-ފާސްޓް ރޭލެއްގެ ތެރޭގައި އުމުރުން 71 އަހަރުގެ މީހަކު، ގަޔަށް ޕެޓްރޯލް އަޅައިގެން ރޯކޮށްލައިގެން މަރުވީ އެވެ.

ގާތްގަނޑަކަށް ހާހެއްހާ މީހުންނާ އެކު ތޮއްޖެހިފައި އޮތް އެ ރޭލުގައި ހިނގި އެ ހާދިސާަގައި އަލިފާނުގެ އަސަރުކޮށް އިތުރު މީހަކު ވެސް މަރުވި އެވެ.

އަމިއްލަ އަށް މަރުވި އުމުރުން ދޮށީ އެ މީހާގެ ވާހަކަ ޖަޕާނުގެ ނޫސްތަކުން ހޯދައި ބެލިއިރު އެ މީހާ އަކީ އެކަނި ދިރިއުޅެމުން ދިޔަ ފިރިހެނެކެވެ. އަދާކުރި ވަޒީފާއެއް ނެތެވެ. ރީސައިކަލްކުރުމަށް އެލުމިނިއަމް ދަޅު އެއްކޮށް ހެދި އެވެ. އޭނާ ދިރިއުޅުނު ގޭގެ އަވަށްޓެރިން ބުނާ ގޮތުން އެއީ ވަރަށް މަދުން ނުވަތަ އެއްގޮތަކަށް ވެސް އާންމުންގެ ތެރެއިން ފެންނަ މީހެއް ނޫނެވެ. ޓީވީ ޖައްސާފައި ހުންނަ އަޑު އިވެ އެވެ. ގޭ ތެރޭގައި ބިއްލޫރި ތަޅައި ކުދިކުދިކުރާ އަޑު ވެސް އިވެ އެވެ.

އެކަހަލަ މިކަހަލަ އެކަނިވެރި ދިރިއުޅުމެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ ޖަޕާނުގައި ވަރަށް އާންމު ދިރިއުޅުމެކެވެ. ވަކިން ހާއްސަކޮށް ޑިޕްރެޝަން އާއި އަމިއްލަ އަށް މަރުވުމުގެ މައްސަލަތަކުގައި އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ.

"އެކަނިވެރިވެގަތުން ނުވަތަ މީހުންނާ ވަކިވެ ބާކީވެގަތުން އެއީ ޑިޕްރެޝަން އާއި އަމިއްލަ އަށް މަރުވުމުގެ ސަބަބުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެއް އަލާމާތް،" ޓޯކިޔޯގެ ޓެމްޕަލް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ވަޓާރޫ ނިޝީޑާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

"އުމުރުން ދުވަސްވީ މީހުން އެމީހުންގެ އަމިއްލަ އެޕާޓްމަންޓްތަކުގައި އަމިއްލަ އަށް މަރުވާ ވާހަކަ މިހާރު މި ވަނީ ވަރަށް އާންމުވެފައި. އެމީހުންނަށް އެ ވަނީ އިހުމާލުވެފައި. އިހުޒަމާނުގެ ޖަޕާނުގައި އެމީހުންނަށް އެމީހުންގެ ދަރިން އަޅާލި. އެކަމަކު މިއަދު އެކަމެއް ނެތް."

ޖަޕާނުގައި އަމިއްލަ އަށް މަރުވާ އުމުރުން ދޮށީ މީހުންގެ އަދަދު އިތުރުވެފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ފާހަގަކޮށް ވާހަކަ ދައްކަމުން އެ ސައިކޮލިޖިސްޓް ބުނެފައި ވަނީ މިހެންނެވެ. އޭނާ ބުނީ އަމިއްލަ އަށް މަރުވުން ޖަޕާނު މީހުންގެ ގަބޫލުކުރުންތަކުގައި "ފާފައަކަށް" ނުވާއިރު އެކަން ގިނަ ފަހަރަށް ވެފައި އޮންނަނީ ޒިންމާނެގުން ކަހަލަ ކަމަކަށް ކަމަށެވެ.

ޖަޕާން ހެލްޕްލައިންގެ އޮފިޝަލެއް ކަމުގައިވާ ކެން ޖޯސެފް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ މީހުން އަމިއްލަ އަށް މަރުވުން ޖަޕާނުގައި އެހާ އާންމުވެފައި ވަނީ ސަގާފަތެއްގެ ދަށުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ޖަޕާނުގައި އިންޝުއަރެންސްގެ ނިޒާމް އޮންނަ ގޮތުން، އާއިލާއެއް މާލީ ވަޅުގަނޑަކަށް ވެއްޓިއްޖެ ނަމަ އެކަމުން އަރައިގަތުމަށް އެ އާއިލާގެ މީހަކު އަމިއްލަ އަށް މަރުވުން ވެފައި އޮންނަނީ ހައްލަކަށެވެ.

"އެހެންވީމަ ހުރިހާ ކަމެއް ނާކާމިޔާބުވާ ހިސާބުން ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އަމިއްލަ އަށް މަރުވުމުން އާއިލާ އަށް އިންޝުއަރެންސްގެ ފައިސާ އޮހޭނެ ކަމަށް،" އަމިއްލަ އަށް މަރުވާ މީހުންގެ މައްސަލަތަކުގެ މާލީ ކަންބޮޑުވުންތަކާ ގުޅިގެން ފުރާނަ ދުއްވާލާ މީހުންނަށް އިޝާރާތްކޮށް ކެން ބުންޏެވެ.

ޖަޕާނުގައި މީހުން އަމިއްލަ އަށް މަރުވާ ރޭޓަށް އަދި މައްސަލަ އަށް ބަލާއިރު އެންމެ ބޮޑު ސަބަބަކަށް ވެފައި އޮތީ މާލީ ގޮތުން މީހުންނަށް ކުރިމަތިވާ ނުތަނަވަސްކަމާއި އޭގެ ނަފްސާނީ އަސަރެވެ. އެގައުމުގައި އަމިއްލަ މަރުވާ ޒުވާނުންގެ އަދަދު ވެސް ވަރަށް މައްޗަށް އަރައިގެންގޮސްފައިވާއިރު 22 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންގެ މެދުގައި ވެސް އެންމެ ބޮޑު ނަފްސާނީ މައްސަލަ އަކީ ނުވަތަ އަމިއްލަ އަށް މަރުވުމަށް މެދުވެރިވާ ސަބަބަކީ މާލީ ބަލިކަށިކަމާއި ނުތަނަވަސްކަން ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އޭޝިއާ އަށް 1998 ވަނަ އަހަރު ކުރިމަތިވި މާލީ ނުތަނަވަސްކަމުގެ ތެރޭގައި، އަމިއްލަ އަށް މަރުވާ ޒުވާނުންގެ އަދަދު ޖަޕާނުގައި އިތުރުވި އެވެ. އަދި 2008 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު އަޑިއަޅާލުމާ ގުޅިގެން އެ އަދަދު ޖަޕާނުގައި ކުރިއަށް ވުރެ މައްޗަށް ޖެހިލި އެވެ.

ވަޒީފާ ނެތް ޒުވާނުންގެ މައްސަލަ ޖަޕާނުގައި ބޮޑުވުމަކީ ވެސް އަމިއްލަ އަށް މަރުވާ ޒުވާނުން އެގައުމުގައި އިތުރުވާ ކަމަށް ދައްކާ ސަބަބެކެވެ.

މީގެ އިތުރުން "އެކަނި އަދި މުޖުތަމައާ ވަކިން ދިރިއުޅުމުގެ" ސަގާފަތް ވެސް ޖަޕާނުގައި މިއަދު ވަރަށް ބޮޑެވެ. އެގޮތަށް ދިރިއުޅޭ މީހުން ޖަޕާނުގައި ސިފަކޮށްފައި ވަނީ "ހިކިކޮމޯރީން" ގެ ގޮތުގަ އެވެ. އެމީހުންނަކީ ހަ މަސް ދުވަހަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް ވެސް ގެއިން ނުނިކުމެ ގޭތެރޭގައި އެހެން މީހުންނާ ވަކިން ދިރިއުޅޭ މީހުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިގޮތަށް ގެއިން ނުނިކުމެ ދިގު މުއްދަތަކަށް މުޖުތަމައާ ވަކިން، އަމިއްލައަށް ގޭގައި ބަންދުވެގެން އުޅުނު ޖަޕާނު މީހުންގެ އަދަދު 2010 ވަނަ އަހަރު ހަތް ލައްކަ އަށް އަރަ އެވެ. އެމީހުންގެ އާންމު އުމުރަކީ 31 އެކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ "ގީކްސް" ނުވަތަ "ނާޑުން" ނެވެ.

އެކަހެރިކަން ހިޔާރުކޮށްފައިވާ ޖަޕާނު މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މީހުންނާ ގުޅުން ބަދަހިކުރުމާއި ޖިންސީގުޅުމަށް ޝައުގުވެރިވާ މީހުންގެ ނިސްބަތް ވެސް އާދަޔާހިލާފަށް ޖަޕާނުގައި ވެއްޓިފައިވާކަން ދިރާސާތަކުން އެނގެ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުން އުމުރުން 25 އަހަރާއި 29 އަހަރުގެ މީހުންގެ ތެރެއިން ޖިންސީ ގުޅުމަށް ޝައުގުވެރިވަނީ ނުވަތަ އެކަން ކުރަން ބޭނުންވަނީ އެންމެ 20 ޕަސެންޓް މީހުންނެވެ.

ގިނަ ބަޔަކު ދެވިހިފާފައި ވަނީ އޮންލައިން ޕޯނޯގްރެފީ އަށެވެ.

ޖަޕާނުގެ މެންޓަލް ހެލްތުކެއާ ނިޒާމު ވެސް އޮތީ ފޫވެއްޓިފަ އެވެ. ސައިކެޓްރިސްޓުންގެ އަދަދު ގައުމުގެ އާބާދީގެ މި މައްސަލައާ ދިމާނުވާއިރު ކްލިނިކަލް ސައިކޮލޮޖިސްޓުންނާ ގުޅިގެން ސައިކެޓްރިސްޓުން މަސައްކަތްކުރުމުގެ ސަގާފަތެއް ވެސް ނެތެވެ. ކައުންސެލިން ދިނުމުގެ ބަދަލުގައި ޖަޕާނުގައި އޮތް ސަގާފަތަކީ ބާރުގަދަ ބޭސް ދީގެން މީހުން ކޮންޓްރޯލް ކުރުމުގެ ސަގާފަތެކެވެ.

މި ސަބަބާ ހެދި ވަރަށް ގިނަ މީހުންނަކީ އެމީހުންގެ ނަފްސާނީ މައްސަލަތައް އެހެން މީހުންނާ ހިއްސާކުރަން ބޭނުންނުވާ ނުވަތަ ފަސްޖެހިފައިވާ މީހުންނެވެ. --ބީބީސީ