ފިނިޕޭޖް

އޮބާމާގެ ދެކަނބަލުން ފިލްމު އުފައްދަނީ!

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ފިލްމާއި ޓީވީ ޝޯއާއި އަދި ޑޮކިއުމެންޓްރީ ތައްޔާރު ކުރެއްވުމަށް ނެޓްފްލިކްސްއާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި އެވެ.

ނެޓްފްލިކްސް އިން މި ހަބަރު ކަށަވަރު ކޮށްދިނީ އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ ހައި ގްރައުންޑް ޕްރޮޑަކްޝަންސްގެ ނަމުގައި އޮބާމާގެ ދެ ކަނބަލުންނަށް ފިލްމު އުފެއްދުމާއި ޓީވީ ޝޯތަކުގެ އިތުރުން ޑޮކިއުމެންޓްރީ އުފެއްދުމުގެ ހުއްދަ ދެއްވާފައިވާ ކަމަށެވެ.

ނެޓްފްލިކްސް އިން ކޮށްފައިވާ ޓުވީޓް.

މި އެއްބަސްވުމާއި ގުޅިގެން އޮބާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އާންމު ހިދުމަތްކޮށް ދެއްވުމުގައި އެ ދެކަނބަލުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ތަފާތު މީހުނާއި ބައްދަލުވެ ވަޑައިގަތުން ކަމަށެވެ. އަދި އެމީހުންގެ ވާހަކަތައް އެހެން މީހުނާއި ހިއްސާކުރެއްވުމުގައި އެހީތެރިވެދެއްވުން ކަމަށެވެ.

"މި ސަބަބަށްޓަކައި ނެޓްފިލްކްސް އާއެކު މި އެކުލަވާލި އެއްބަސްވުމާއި މެދު އަހަރެމެން ދެމަފިރިން މި ތިބީ ވަރަށް އުފަލުން. އަހަރެމެންގެ އުއްމީދަކީ މި ފުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވުން." އެ ބަޔާނުގައި ބުނެފައިވެ އެވެ.