ޑރ. މުހައްމަދު މުއިއްޒު

ޓާޓާ ފްލެޓްގެ އަގު ބޮޑުވީ ކޮންޓްރެކްޓަރަށް އެއްފަހަރާ ފައިސާ ދައްކަންޖެހުމުން: މުއިއްޒު

ކުރީގެ އަރަބިއްޔާ އަދި ގާކޮށީގައި އަޅާފަިއވާ ފްލެޓްތައް ދެ މިލިއަން ރުފިޔާއަށް ވިއްކުމަށް ނިންމީ ކޮންޓްރެކްޓަރަށް އެއްފަހަރާ ފައިސާ ދައްކަން ޖެހުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ޓާޓާ ކުންފުނިން އަޅައިދީފައިވާ 288 ފްލެޓެވެ. އެތަނުން ފްލެޓެއް ގަންނަން ފަސް އަހަރު ތެރޭގައި ސަރުކާރަށް ދެ މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މިނިސްޓަރު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ބޭނުންވަނީ ފްލެޓްތައް ވީއެންމެ އަގު ހެޔޮކޮށް ވިއްކަން ކަމަށާއި ދެ މިލިއަން ރުފިޔާއަކީ ސަރުކާރުން އެންމެ ބޭނުންވި އަގު ނޫން ކަމަށެވެ. އެގޮތަށް އަގު ބޮޑުކުރަން ޖެހުނީ އެ މަސައްކަތް ޓާޓާ ކުންފުންޏާ ހަވާލުކުރި، ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުންގެ ސަބަބުން ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމާ، ފްލެޓްތައް ސަރުކާރާ ހަވާލުކުރާތާ 90 ދުވަހުގެ ތެރޭގައި ފުލް ޕޭމަންޓް ސަރުކާރުން ދައްކަން ޖެހެ އެވެ.

ޓާޓާއާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގެ ދަށުން 21 މިލިއަން ޑޮލަރު އެޕެކްސް ރިއަލިޓީއަށް ސަރުކާރުގެ ފަރާތުން ދައްކަންޖެހެ އެވެ. އޭގެ ތެރެއިން 20 ޕަސެންޓް ސަރުކާރުން މިހާރު ވަނީ ދައްކާފަ އެވެ. ބާކީ އޮތް 80 ޕަސެންޓް 90 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭއިރު އެއީ ބޮޑު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފައިސާ ހޯދާނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓާޓާއާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލު ގެންނަން މި ސަރުކާރުން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެކަން ހާސިލުވެފައިނުވާ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ މަޝްރޫއަކީ އެތައް ބަޔެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެ އެއްބަސްވުމަކީ ވަކި ބަޔަކަށް ގިނަ މަންފާތަކެއް ލިބޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.