ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ކްލަބުގެ ކެޕްޓަން މުހައްމަދު އުމައިރު ދޫކޮށްލައިފި އެވެ.
ނިއު އިން ބުނީ އުމައިރާ އެކު ވެފައިވާ އެއްބަސްވުން ދެ ފަރާތުން އެއްބަސްވެގެން ރޫޅާލީ މިއަދު ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް ކްލަބުން އަދި ހާމައެއް ނުކުރެ އެވެ. ކްލަބްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ އުމައިރާ އެކު ވެފައިވާ އެއްބަސްވުން މިއަދު އުވާލައިފި ކަމަށާއި އުމައިރު ކްލަބަށް ކޮށްދީފައިވާ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އުމައިރުގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އުމައިރު ދޫކޮށްލިކަން ނިއު އިން ހާމަކޮށްފައި ވާއިރު ނިމިދިޔަ ޕީޕަލްސް ކަޕްގެ ނާކާމިޔާބީ އަށް ފަހު ނިއު އިން ވަނީ އެ ކްލަބްގެ ބްރެޒިލް ދެ ކުޅުންތެރިން ވެސް ފޮނުވާލަން ނިންމައިފަ އެވެ.