- ކުންފުނިތަކުގެ އިސްވެރިން ބައިވެރިވާނެ
- ރ. އަތޮޅުގައި މަހާސިންތާ ފަށާނީ އަންނަ ބުރާސްފަތީގައި
- 15 ރަށަކުން ބައިވެރިވާނެ
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕޭން ލީޑަރުން ތައްޔާރު ކުރުމުގެ މަހާސިންތާގެ ފަސްވަނަ ބުރު ރ. އަތޮޅުގައި ފަށަން ތައްޔާރުވެފައިވާއިރު ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ކުންފުނިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މަހާސިންތާ ކުރިއަށް ގެންދާއިރު ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
ހަތަރު ރަށަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަހާސިންތާ ކުރިއަށް ގެންދާނީ މިމަހު ފަހަކުން ހަތަކަށެވެ. އެއީ ރ. އަލިފުއްޓާއި އެ އަތޮޅު ވާދޫ އާއި އުނގޫފާރު އަދި އިނގުރައިދޫގަ އެވެ. މި މަހާސިންތާގައި 15 ރަށުން 500 އެއްހާ މަންދޫބުން ބައިވެރިވާނެ އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދާ "ރައީސް ޔާމީން 2018" މަހާސިންތާއަކީ އެމަނިކުފާނުގެ ކެމްޕޭން ލީޑަރުން ތަމްރީނުކުރުމަށް ކުރިއަށްދާ މަހާސިންތާއެކެވެ. މަހާސިންތާގައި ލީޑަޝިޕްގެ ހުނަރާއި ޓީމްވޯކް ދަސްކޮށްދެ އެވެ. އަދި ޑޯ ޓް ޑޯ ކެމްޕެއިނާއި ސޯޝަލް މީޑިޔާއާ ގުޅޭގޮތުން ވެސް މައުލޫމާތުދެ އެވެ. މި މައުލޫމާތުތައްދީ، ސެޝަންތައް ނަންގަވައިދެނީ އެ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ މަހާސިންތާ އެންމެ ފަހުން ބޭއްވީ ބ. އަތޮޅުގަ އެވެ. ރ. އަތޮޅަކީ މި މަހާސިންތާ ކުރިއަށް ގެންދާ ދެ ވަނަ އަތޮޅެވެ. ބ. އަތޮޅުގައި ބޭއްވި މަހާސިންތާގައި 300 އަށްވުރެ ގިނަ މީހުން ތަމްރީނުކުރި އެވެ.