ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ފަސްޓް ލޭޑީ ރާއްޖެ ވަޑައިގަންނަވާތީ މަރުހަބާ ކިޔަން ތައްޔާރުވަނީ

ހަގު ދަރިކަލުންނާއެކު ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މާދަމާ ހެނދުނު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފާތިމަތު އިބްރާހިމް މާލެ ވަޑައިގަންނަވާނީ މާދަމާ ހެނދުނު 7:30ގަ އެވެ. އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ސަޕޯޓަރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ގަޑިއަށް ރަސްމީ ފާލަން ދޮށަށް ސަޕޯޓަރުން އެއްވުމަށް މިހާރު ވަނީ ގޮވާލާފަ އެވެ.

ހަގު ދަރިކަލުންނާއެކު ފާތިމަތު ސައުދީއަށް ވަޑައިގެންނެވީ އުމްރާއަކަށް ކަމަށްވެ އެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެ ދަތުރުފުޅުގެ މައުލޫތެއް ނުދެ އެވެ. އެކަމަނާ ރާއްޖެއިން ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެން ނާކާމީޔާބީއަށްފަހު އެވެ.

ފާތިމަތު އިބްރާހިމް މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު ރައީސް އަބްދުﷲ ޔާމީން ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެކަން ހުއްޓުވައިދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ނަމަވެސް އެމަނިކުފާނުގެ ތަރުޖަމާނު ވަނީ ރައީސް ފިއްލަވަން ނޫޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މިއަދު ވަނީ ގައުމާ މުހާތަބުކުރައްވައި އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާފަދަ މޭރަމަކުން ވާހަކަފުޅު ދައްކަވައި މަގާމުން ދުރުވުމުގެ ކުރިން ފަހުބަސް ވިދާޅުވެފަ އެވެ. އެކަމަކު އިންތިހާބު ގަބޫލު ނުކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.