ރާއްޖެ ކުޅިވަރު

އުމެއިރު މާޒިޔާ އަށް ސޮއިކޮށްފި

ނިއު ރޭޑިއަންޓަށް ފާއިތުވި ދެ ސީޒަންގައި ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފި އެވެ.

މި ސީޒަންގައި ނިއުގެ ކެޕްޓަނަކަށް ހަމަޖެއްސި އުމެއިރުގެ ކޮންޓުރެކްޓް ބާތިލްކޮށް، އޭނާ ދޫކޮށްލަން ނިންމީ " ދެ ފަރާތުން އެއްބަސްވެެގެން ކަމަށް" ނިއު އިން ވަނީ ރޭ ބުނެފަ އެވެ.

މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) މިއަދު ވިދާޅުވީ އުމެއިރު އެ ކްލަބަށް ސޮއިކޮށްފައިވާ ކަމަށާއި އުމެއިރު އެ ޓީމާ ގުޅުމާއެކު އެ ޓީމު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

"އުމެއިރަކީ ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. މާޒިޔާ އަށް ލިބުނު ބޮޑު ކުރިއެރުމެއް އުމެއިރު މި ޓީމާ ގުޅުމަކީ،" ކޮއްކީ ބުންޏެވެ.

ކުރިން ވިކްޓަރީ އާއި ވީބީ އަށް ކުޅުނު އުމެއިރު ވަނީ 2012 ވަނަ އަހަރު ވެސް މާޒިޔާ އަށް ކުޅެފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނިއުއާ ގުޅުނު އުމެއިރަކީ އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިއެކެވެ. ނިއު އިން 2013 ވަނަ އަހަރުގެ ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު އުމެއިރު ވަނީ މުހިންމު ލަނޑުތަކެއް އެ ސީޒަންގައި ޖަހައިފަ އެވެ. މިދިޔަ އަހަރު ވެސް ނިއުއާއެކު އުމެއިރު ވަނީ ދިވެހި ލީގާއި ޕްރެޒިޑެންޓްްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

މާޒިޔާ އިން މިއަދު ހއ.ދިއްދޫ އަށް ހަތަރު ދުވަހުގެ ޓުއާ އަށް މިއަދު އެ ޓީމު ފުރާއިރު، އުމެއިރު ވެސް އެ ޓީމާއެކު މި ދަތުރުގައި ބައިވެރިވާނެ އެވެ.

ޕީޕަލްސް ކަޕްގެ ނާކާމިޔާބަށް ފަހު، ނިއުގެ ސްކޮޑުން ބަދަލުތަކެއް ފެނިދާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އެ މުބާރާތަށް ފަހު ނިއު އިން ވަނީ އެ ޓީމަށް ކުޅުުނު ބްރެޒިލްގެ ދެ ކުޅުންތެރިން ވެސް ދޫކޮށްލައިފަ އެވެ.