އޭލެވަލް އިމްތިހާނުގެ އެންމެ ގަދަ 10ގެ ނަތީޖާ ހޯދާ ދަރިވަރަކަށް ދޭ، "ޓޮޕް އެޗީވާސް އެވޯޑުގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް" ދިރާގު ހަމަޖައްސައިފި އެވެ.
ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކްސްކްލޫސިވް ސްޕޮންސާޝިޕް އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ވިދާޅުވީ ޓޮޕް އެޗީވާސް އެވޯޑުގެ އެކްސްކްލޫސިވް ސްޕޮންސަރުކަން ދިރާގު ނެގީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.
"މިނިސްޓްރީ އާއި ސަރުކާރުން ރާއްޖޭގެ ތައުލީމް ކުރިއަރުވަން ގިނަ މަސައްކަތަކެއްކުރޭ. ކުރީގައި ހައި އެޗީވާސްގެ ގޮތުގައި ތިބެނީ އަތުން ގުނާވެލޭ ވަރުގެ ކުދިން ކޮޅެއް. އެކަމަކު މިއަދު މިވަނީ އެތަށް ސަތޭކައަށް އިތުރުވެފައި،" އިސްމާއިލް ވިދާޅުވި އެވެ.
އެމްޑީ އިސްމާއިލް ވިދާޅުވީ ދިރާގުގެ އެންމެ ބޮޑު އެއް ފޯކަސްއަކީ ޒުވާނުންނާއި ތައުލީމް ކުރިއެރުވުން ކަމަށެވެ.
"ސީއެސްއާރު ބަޖެޓަށް ވަރަށް ގިނަ އަދަދެއް ހޭދަކުރަން. މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭން،" އިސްމާއިލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ދިރާގަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ.
"ވަރަށް ހަރުދަނާ ގޮތެއްގައި އެހީތަކެއް ދެމުންދޭ. އަތޮޅުތަކަށް އަޅުގަނޑުމެންގެ ހިދުމަތް ފޯރުކޮށްދީ، އިންޓަނެޓު ކަނެކްޓިވިޓީގައި ވެސް އެހީތެރިވެދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހަށް މި ހަފުލާ އިންތިޒާމުކުރާނެ ކަމަށެވެ.
"މި ހަފުލާއަކީ 1986 ފެށިގެން ފާހަގަ ކުރާ ހަފުލާތެއް. އަޅޫގަނޑުމެންގެ ތައުލީމުގެ އެކިއެކި މަރުހަލާއަށް ބަލާއިރު ޖިންސުގެ ހަމަހަމަކަން ގާއިމް ވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުލަގަދަ ރަސްމިއްޔާތެއްގައި ބާއްވާ ޓޮޕް އެޗީވާސް އެވޯޑު ދިނުމުގެ ހަފުލާ ބާއްވަނީ މެއި 29 ވަނަ ދުވަހުގެ ރޭ އެވެ.