ދިރާގުން ސްކޫލް ކުދިންނާއި ޓީޗަރުންނަށް އެއް މަސް ދުވަހަށް ހިލޭ މޮބައިލް ޑޭޓާ ލިބޭ ޕެކޭޖެއް ދީފި އެވެ.
ދިރާގުން ބުނީ ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާ އިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭން ނިންމާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ހިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް މިވަނީ ވަރަށް މުހިންމު ވެފައިވާ ކަމަށެވެ. އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގު ފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5 ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް އެއް މަސް ދުވަހަށް ލިބޭނެ ކަމަށެވެ.
މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑާއި ޕްރީޕެއިޑް އަދި މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން މަގު ފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން މަސައްކަތްކުރަމުންނެވެ. އެ ކުންފުނިން ވަނީ ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ މި މަހު ދީފައި އެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮން ތަކަކުން ވެސް 50 ޕަސެންޓް ޑިސްކައުންޓް ދީ، ހިލޭ 10 ޖީބީ ވެސް ވަނީ ދީފަ އެވެ.
ދިރާގުން އުންމީދު ކުރަނީ މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމުގަށާ، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. އަދި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ހިދުމަތް މި ދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުން ވެސް ބޭނުން ކުރުމަށެވެ.