ވިޔަފާރި

އެމްޓީސީސީގެ "ސާބަސް ޔަންމާ" ޕްރޮމޯޝަން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ "ސާބަސް ޔަންމާ" ޕްރޮމޯޝަން މިއަދު އިފްތިތާހުކޮށްފި އެވެ. މިއީ އެމްޓީސީސީން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު ޕްރޮމޯޝަނެވެ.

މިއަދު އާޓިފިޝަލް ބީޗުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ޗެއާމަން ހުސެން ސާލިމް މުހައްމަދެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބުދުއް ރައްޒާގު ހަލީމް ވިދަޅުވީ މި ޕްރޮމޯޝަންގެ ތެރެއިން އިންޖީން ގަންނަ ކޮންމެ ފަރާތަކަށް ހާއްސަ ޕެކޭޖެއް ލިބޭނެ ކަމަށެވެ. އެއް ލައްކަ ރުފިޔާ އާ ދެ ލައްކަ ރުފިޔާ އާ ދެމެދުގެ އަގުހުރި އިނާމް ލިބޭ މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ ނިޔަލަށެވެ. އޭގެ ތެރޭގައި ޖީޕީއެސް ސިސްޓަމާއި ފިޝް ފައިންޑަރާއި ހުންގާނު ސިސްޓަމް އަދި ކާސްޓްރޯލް އަޑީތެޔޮ ހިމެނޭ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި މި ޕެކޭޖުގައި މިމަހު އެކަކުން 30 އަށް އިންޖީނު ބުކްކުރާ ފަރާތްތަކަށްވެސް ލިބޭނެ ކަމަށެވެ.

ހަލީމް ވިދާޅުވީ ޕްރޮމޯޝަންގެ ދަށުން 78 ހޯސްޕަވަރާއި 829 ހޯސްޕަވަރާއި ދެމެދުގެ އިންޖީނުތައް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ނިމޭއިރު ޕެކޭޖުގެ ގޮތުގައި 7.5 އާއި އަށް މިލިއަން ރުފިޔާ އާއި ދެމެދުގެ އިނާމް ދޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމަންޓަށް އިންޖީނު ދޫކުރާނެ އެވެ. އެ ފައިސާ ތިން އަހަރު ދުވަހުގެ ތެރޭގައި ދެއްކޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާލިމް ވިދާޅުވީ ޔަންމާއިން އޮޑިވެރިއަކަށް ވާން ބޭނުންވިއަސް ކޮންމެހެން ތިނެއް ނުވަތަ ހަތަރެއް މިލިއަން ރުފިޔާ އަތުގައި ހުންނަން ނުޖެހޭނެ ކަމަށެވެ. އަދި މަސައްކަތްތެރި ކޮންމެ މީހަކަށްވެސް އެމްޓީސީސީ މެދުވެރިކޮށް އޮޑިވެރިއަކަށްވާން އެހީތެރިވެދޭނެ ކަމަށް ސާލިމް ވިދާޅުވި އެވެ.

ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރު ރާއްޖެއަށް ތައާރަފްކޮށް ދޯންޏެއްގައި އެޅި ފުރަތަމަ އިންޖީނެވެ. އެގޮތުން ދިވެހިންގެ މެދުގައި ޔަންމާ އިންޖީނު މަޝްހޫރުވެފައިވަނީ ތެޔޮ ހަރަދު ކުޑަ، އުމުރު ދިގު އަދި ހަލުވި އިންޖީނެއްގެ ގޮތުގައެވެ. ރާއްޖޭގައި ޔަންމާ ބޭނުންކުރަން ފެށިތާ 40 އަހަރު ފުރިވާއިރު އެމްޓީސީސީއިން ރާއްޖޭގައި ޔަންމާ އިންޖީނު ވިއްކާތާ މިހާރު ވަނީ 35 އަހަރުވެފަ އެވެ.