ދުނިޔެ

އަސަރެއް ނުކުރޭތަ؟ މިވެސް މުސްލިމުން!

މަތީގައިވާ ފޮޓޯއިން ވެސް ތި ފެންނަނީ މުސްލިމުންތަކެވެ. މުސްލިމު ދެބަފައިންނެވެ. މި ފޮޓޯއަކީ މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވަމުން އަންނަ ފޮޓޯއެކެވެ. ފޮޓޯއިން އެތައް ބައިވަރު ޖަޒުބާތުތަކެއް ފެނިގެންދެ އެވެ. އެތައް ބައިވެރު އަސަރުތަކެއް މީހުންނަށް މިވަނީ ކޮށްފަ އެވެ.

ފޮޓޯއިން ފެންނަނީ ބައްޕައަކު ދަރިފުޅަށް ކާން ދޭން އެއްޗެއް ދިއްކޮށްލާ މަންޒަރެވެ. ބަނޑުހައިހޫނު ކަމާއި ހަމަލާތަކުން ލިބިފައިވާ އަސަރެއްގެ ސަބަބުން ދަރިފުޅަށް ކާއެތި ދިއްކޮށްލި ވަގުތު އެ ބައްޕައަށް އެތައް އަސަރެއް ވަނީ ކޮށްފަ އެވެ. ފޮޓޯ ބެލި އެތައް ބަޔަކު ރޮއްވާލި އެވެ. އެ ބައްޕައަށް ދަރިފުޅު ކުރިމަތީ ވޭން ބަނޑުންނުކޮށް ކެތެއް ނުވި އެވެ. ގައިން ހީބިހި ނަގައިގެން ދަނީ ބައްޕައަށް ހިތްވަރު ދިނުމަށް އެ ކުޑަ ފިރިހެން ކުއްޖާ މަސައްކަތްކުރާ ފޮޓޯ ފެނުމުންނެވެ. އެ ކުއްޖާ މަސައްކަތްކުރީ ބައްޕަކުރި މަތީ ހިތްވަރުގަދަ މީހަކަށްވުމަށެވެ.

މިއީ އެންމެ ދެބަފައިންގެ ފޮޓޯތަކެވެ. މިކަހަލަ ކިތައް ދެމައިން، ކިތައް ދެބަފައިން ތިބޭނެ ބާވަ އެވެ؟ ސީރިއާގައި ހިނގަމުންދާ ހަނގުރާމަ މިފަދަ އެތައް އާއިލާއެއް ވަނީ ބިކަވެ އެހީތެރިކަމަށް ބޭނުންވެފަ އެވެ. އެތައް ކުދިންނެއްގެ ޅަ އުމުރު ވަނީ ގެއްލިގެން ގޮސްފަ އެވެ. ރީތި ކުޅޭ އެއްޗެއްސާއެކު ކުޅެން ތިބެންޖެހުނު ދުވަހު އެ ކުދިންނަށް ކުރިމަތިލާން ޖެހިފައިވަނީ ބަޑީގެ އަޑު ފައްގަޑާ އެވެ.

ސީރިއާގެ ހާލު ވަރަށް ގޯސް!

ސީރިއާގައި ފަސް އަހަރަށްވުރެ ދިގު ލައިފައިވާ ދާހިލީ ހަނގުރާމަ މެދުކަނޑާލަން އިދިކޮޅު ފަރާތްތަކާއި ސީރިއާގެ ސަރުކާރުން އެއްބަސްވެ، އެ ހަނގުރާމަ ނިމުނީ ކަމަށް ބެލުވުނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެއީ ކުޑަ ދުވަސްކޮޅެއްގެ ހިތްހަމަ ޖެހުމެކެވެ. ސީރިއާގައި ހިމޭންކަން އޮތީ ކުޑަ ދުވަސްކޮޅަށެވެ.

އެއްބަސްވުމާ ހިލާފަށް ސީރިއާގެ ސަރުކާރުން ވަނީ ހަމަލާ ދޭން ފަށާފަ އެވެ. ހަމަލާތައް ވަރުގަދަކޮށްފަ އެވެ. މެދުކެނޑުމަށްފަހު ހަނގުރާމަ ފެށިގެން ދިޔުމާއެކު ސީރިއާ ސަރުކާރުން ރަޝިއާއާ ގުޅިގެން އެ ގައުމުގެ ހަލަބް އަވަށަށް ދަނީ ގިނަ ހަމަލާތަކެއް ދެމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެސް އެ ހަމަލާތަކަށް ދަނީ ރައްދު ދެމުންނެވެ. ދެ ފަރާތުން ކުރިމަތިލުމަށް ހަލަބަށް ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކަކީ ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ވެސް ބަދަލުކުރި އެންމެ ވަރުގަދަ ހަމަލާތަކެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ގެދޮރު ވަނީ ނެތިގޮސްފަ އެވެ.

މި ހަމަލާތަކުގައި މަރުވި މީހުންގެ ސީދާ އަދަދު އެއްވެސް ފަރާތަކުން ދީފައިނުވީ ނަމަވެސް ޔަގީން ނޫން ރިޕޯޓްތައް ބުނާ ގޮތުން 270 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

އިންސާނިއްޔަތު ކޮބާ؟

"ދުނިޔޭގައި މިހިނގަނީ ކޮންފަދަ ކަމެއް؟ އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯއާ ބެހޭ ގޮތުން މިވަނީ ޕަބްލިކްގައި ސުވާލު އުފައްދަން ފަށާފަ، އެއީ ބަލައި ގަންނަންޖެހޭ ގާނޫނެއްތޯ މިވަނީ ސުވާލު އުފެދިފަ،" އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ޗީފް ޕީޓާ ވިދާޅުވެފައިވެ އެވެ.

އޭނާ ވަނީ ދުނިޔޭގައި އިންސާނިއްތަ ގެއްލިފައިވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ސީރިއާ ފަދަ ގައުމުތަކުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތްނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ތެދެކެވެ. އިންސާނިއްތުކަން ދުނިޔެއިން ގެއްލުނީބާވަ އެވެ. ނޫނީ ވަކި ބައެއްވީމަ އަޅާނުލަނީ ބާވަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކަށް ޓެރަރިސްޓް ހަމަލާތައް ދެވުނު ދުވަސްތަކުގައި ދުނިޔެއިން އިންސާނިއްޔަތު ފެނިގެންދެ އެވެ. އޭގެ ދިރުން ހުރިކަން ވެސް އެނގިންދެ އެވެ. ނަމަވެސް ހަލަބުގެ ރައްޔިތުންގެ ލޭ ބިންމައްޗަށް އޮހެރޭތާ ދެ ހަފުތާއަށްވީިއިރު ވެސް ގައުމުތަކުގެ އިންސާނިއްތަށް ހޭވެރިކަމެއް ނާދެ އެވެ. އެ އިންސާނިއްޔަތުކަން ވަނީ މަރުވެފައި ކަންނޭނގެ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ޓެރަރިސްޓް ހަމަލާތައް ދިނުމުން އެކަން ކުށްވެރިކޮށް ބޮޑެތި ބަޔާންތައް ނުނުރޭ ގައުމެއް މި ދުނިޔޭގައި މަދުވާނެ އެވެ. މިހާރު ސީރިއާގައި ހިނގަނީ ދާހިލީ ހަނގުރާމައެއް ނޫނެވެ. އެހެން ގައުމުތަކުން ވެސް އެ ހަނގުރާމައަށް ވަނީ ވަދެފަ އެވެ. އެހެންކަމުން އެއީ ދާހިލީ ކަމެކޭ ބުނެ، އެކަމަށް ބަސްބުނެ ފާޑުނުކިޔެންވީ ސަބަބެއް ނެތެވެ. ބޮޑެތި ގައުމުތަކުން ގައުމުތަކުގައި ހިނގާ އެއަށްވުރެ ބޮޑެތި ދާހިލީ މައްސަލަތަކާ ދަނީ ބެހެމުންނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ ގައުމަކަށް ރާއްޖެ ވާނެ އެވެ.

ސީރިއާގެ ހަނގުރާމައަކީ ދުނިޔޭގެ ބޮޑު މައްސަލައެކެވެ. ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. ސަލާމަތްކުރަން ޖެހިފައިވާ އެތައް ފުރާނައެއް އެ ގައުމުގައި އެބަތިއްބެވެ. މުސްލިމު އުއްމަތުގެ އެހީތެރިކަން ގޮވަގޮވާ ތިބި އެތައް ރައްޔިތުންނެއް އެ ފަސްގަނޑުގައި އެބަ ތިއްބެވެ. ލޭގެ ކޯރުތަކުގައި ތިބެ އެ ރައްޔިތުން ގޮވާލަނީ އެހީތެރިކަމުގެ އަތަކަށެވެ. އަހަރެމެންގެ އިންސާނިއްޔަތުކަން ހަމަ ނެތީބާވެ އެވެ؟