ސީރިއަސް ޒަހަމްތަކާއެކު މަގުމަތިން ފެނުނު ޒުވާނާ މަރުވެއްޖެ އެވެ. ޒަހަމްތަކާއެކު މާލޭގެ މަގުމަތިން ފެނިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ފުވައްމުލަކު ދޫނޑިގަމު ނާޝިދު މޫސާ ކިޔާ މީހެކެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ.
ނާޝިދުގެ ދައްތަ އަވަސްއަށް މައުލޫމާތުދެމުން ބުނީ، އޭނާ މަރުވިކަން ޑޮކްޓަރުން އާއިލާއަށް އަންގާފައިވާ ކަމަށެވެ.
މިއަދު ހެނދުނު 9:30 ހާއިރު އައިޖީއެމްއެޗަށް އެ ޒުވާނާ ގެންދިޔައިރު ވެސް އޮތީ ހޭނެތިފަ އެވެ. އޭނާއަށް އެކިވަރުގެ ޒަހަތްތައް ލިބިފައިވާއިރު ބޮލާއި ކަނދުރާގައި ޒަހަމްތައް ހުރި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ނާޝިދު ފެނިފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓާ ދިމާލުން ބަންދުކޮށްފައި އޮތް ސަރަހައްދުގައި އޮތްވަ އެވެ.
ފުލުހުން ބުނީ، އައިޖީއެމްއެޗް ސަރަހައްދުގައި ޒަހަމްތަކާއެކު އޮތް މީހަކު ފެނިފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ ހެނދުނު 9:30 ގައި ކަމަށް ފުލުހުން ބުންޏެވެ.
ނާޝިދުގެ ދައްތަ މިރޭ ބުނެފައިވަނީ ނާޝިދުގެ ބޭރުފުށުން ގިނަ ޒަހަމްތަކެއް ފެންނަން ނެތްނަމަވެސް އޭނާގެ އެތެރަހަށްޓަށް ގިނަ އަނިޔާތަކެއް ވެފައިވާކަމަށް ނާޝިދު ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ނާޝިދަށް އަނިޔާކުރި ބަޔަކު އެ އަނިޔާތަކެއް ދިނީ އޭނާ މަރާލުމުގެ ނިޔަތުގައި ކަމަށް އާއިލާއިން ގަބޫލުކުރާ ކަމަށާއި އެކަމަކު އެފަދަ އަނިޔާއެއް ނާޝިދަށް ދޭންޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.
އާއިލާއިން ބުނީ ނާޝިދަކީ ގޭންގް މާރާމާރީ ތަކާއި އެއްވުންތަކުގައި ބައިވެރިވެ އުޅޭ މީހެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި ބަޔަކަށް އިނގިލި ދިއްކުރަން ނޭނގޭ ކަމަށް ވެސް ބުންޏެވެ. އެމައްސަލަ ފުލުހުންވެސް ބަލަމުންދާތީ އާއިލާ ވެސް އޮތީ ފުލުހުންގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ. ފުލުހުން ބުނީ ނާޝިދާ ގުޅޭ ގޮތުން މައުލޫމާތެއް އަދި ހިއްސާ ކުރެވެން ނެތް ކަމަށެވެ.