އދ. ދިއްދޫ

އދ. ދިއްދޫގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް ބޭނުން ކުރަންފަށައިފި

May 6, 2016

އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އދ. ދިއްދޫގައި ދުވާލު ގަޑީގައި ބޭނުން ކުރަންފަށައިފި އެވެ.

އިއްޔެ ހަވީރު ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއް އިއާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ދިއްދުއަށް ދިނުން އިފްތިތާހުކޮށްދެއްވީ އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ދިއްދޫގައި ގާއިމުކުރި އިއާދަ ކުރަނިވި ހަކަތަ އުފައްދާ ސިސްޓަމް ބޭނުންކޮށްގެން އެ ރަށަށް ދުވާލުގަޑީ ބޭނުންވާ ކަރަންޓްގެ 40 ފަސެންޓަށް ވުރެ ބޮޑު އަދަދެއް އުފެއްދޭނެ ކަމަށެވެ.

"ދުވާލު ގަޑީގެ ގިނަ ވަގުތު ދެން ރަށަށް ކަރަންޓް ދޭން ޖެނެރޭޓަރު ހިންގާކަށް ނުޖެހޭނެ. ތެލުގެ ޚަރަދު ކުޑަވެގެންދާނެ. އިންޖީނުގެ އަޑެއް ދެން ގިނަވަގުތަކު ނީވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިއްދޫގެ މި މަޝްރޫޢަކީ އޭޝިއަންޑިވެލޮޕްމަންޓް ބޭންކާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ. މިދިޔަ މަހު ވ. ރަކީދޫގައި ވެސް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ވަނީ ދޭންފަށާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓްގެ 30 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ކަމަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށް ހިނގާ ކަމަށާއި މިއީ ވަރަށް ކާމިޔާބު މަޝްރޫއެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޢަބްދުއްޝަކޫރު ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްދޭ ރަށްރަށުގެ ތެރެއިން ކޮންމެ އަހަރަކު މަދުވެގެން ދެރަށުގައި ސޯލާޕެނަލް ހަރުކޮށް އިއާދަކުރަނިވި ހަކަތަ ލިބޭނޭ ނިޒާމެއް ޤާއިމުކުރާނެ ކަމަށެވެ.