މީހުން

ނަޒީހާ: އެންމެ ފަރި "ގޮއްޔެ"

"އޮފީހަކަށް ގޮސް ކޮމްޕިއުޓަރެއްގެ ކުރިމަތީގައި މުޅި ދުވަސް ހޭދަކުރާ ހިތެއް ނުވޭ. ބޭނުން ވަނީ އެއަށް ވުރެ ކްރިއޭޓިވް މަސައްކަތްކުރަން،" އޭނާ ބުނީ މިހެންނެވެ.

ސްކޫލުގެ ކިޔެވުން ނިންމާލާފައި ނުކުންނަން ފެށި ވަޒީފާ މަތިން ފޫހިވެގެން، އޭނާ އަމިއްލަ އަށް އެ ވަޒީފާއިން ނުކުތީ ވެސް މިހެންވެ އެވެ. ވިލާ އެއާގެ ރިޒަވޭޝަންސް އެންޑް ޓިކެޓިން ބައިގެ ދުވަސްތަކަށް ފަހު އޭނާ ދެން ނުކުތީ ގައުމީ ކުތުބުޚާނާގެ ލައިބްރޭރިއަންއެއްގެ ވަޒީފާއަކަށެވެ.

ދެން ވެސް ހިތްހަމަޖެހޭ ގޮތެއް ނުވި އެވެ. އެންމެފަހުން ސެލޫނެއްގައި މީހުންގެ ނިޔަފަތިތަކުގައި ކުރަހައި އަތުގައި ހީނާ އަޅައިދޭން ފެށީ އެވެ. ވަކި ހިސާބަކުން އަނެއްކާވެސް ހިޔާލު ބަދަލުވެ ގޭގައި މަޑުކޮށްލީ އެވެ.

އޭރު އޭނާ ލައްވައި ނިޔަފަތިތައް ޖަރީކުރުވަން ބޭނުންވާ އަންހެން ކުދިންނާއި އޭނާ ލައްވައި އަތުގައި ހީނާގެ ހިތްގައިމު ޑިޒައިންތައް ކުރެއްސުމަށް ބޭނުންވެގެން ވަރަށް ގިނަ މީހުން ކިޔޫ ހަދައިފި އެވެ. އެއީ މީގެ އަށް އަހަރު ކުރި އެވެ. 

ހިތްހަމަޖެހޭ ވަރުގެ "ވަޒީފާއަކަށް" އޭނާ ހާއްސަވީ ދެނެވެ.

މިއީ ހީނާ އަޅައިދިނުމުގެ ހިދުމަތް މާލޭގައި ފުޅާ ވިޔަފާރިއަކަށް ބަދަލުވަމުން އަންނައިރު މި ކަމަށް ހުސްވެގެން ތިބި އަންހެންވެރިންގެ ތެރެއިން ޔަގީނަށް ވެސް އެންމެ ފާހަގަކޮށްލެވޭ މޫނެވެ. އޭނާގެ ނަމަކީ މަރިޔަމް ނަޒީހާ އެވެ. ނުވަތަ "ގޮއްޔެ" އޭ ކިޔާފައި ގޮވާލިޔަސް މައްސަލައެއް ނެތެވެ.

އުމުރުން 23 އަހަރުގެ މި ޒުވާނާގެ މަސައްކަތުގެ ބްރޭންޑް ނަމަކީ އެއީ އެވެ. ނަޒީހާ އަށް ވުރެ މަޝްހޫރީ ވެސް "ގޮއްޔެ" އެވެ.

"މިއީ ހޮބީއަކުން ފެށުނު ކަމެއް. ސްކޫލް ތެރެއިން ފެށިގެން އައި ކަމެއް. އޭރު ހަދާނީ ޑޫޑްލް ފަދަ ކުރެހުންތައް. މިގޮތަށް އެންމެ ފުރަތަމަ ކުރަހަން ފެށީ ވެސް އަތުގައި. ވަރަށް ހާލުން ދަސްކުރި ކަމެއް މިއީ،" ނަޒީހާ ބުނެލި އެވެ.

އޭނާ ބުނީ "ވައިވެގެން" އަމިއްލަ އަތުގައި ކުރަހަން ފެށި ހީނާގެ ރޮނގުތައް ދިގުވަމުން ގޮސް އެންމެފަހުން އާއިލާގެ މީހުންނާއި ރައްޓެހިންގެ އަތަށް އެރީ ކަމަށެވެ. އަދި އެގޮތަށް ދުވަމުން ގޮސް ދެން ތިބި މީހުންގެ އަތަށް ވެސް އެރީ ކަމަށެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ މިއީ އޭނާގެ ހަމައެކަނި މަސައްކަތް ވެސް ނޫން ކަމެވެ.

ނިޔަފަތިތަކުގައި ކުރެހުމާއި އަތުގައި ހީނާ އިން ކުރެހުމުގެ ހުނަރު އާދަޔާހިލާފަށް ތަރައްގީކޮށްފައިވާއިރު "ގޮއްޔެ" ބްރޭންޑްގެ ޑިޒައިންތައް މިހާރު ބައެއް ޓޫރިސްޓް ހޮޓާތަކުންނާއި ގޭގޭގެ ސިޓިންރޫމްތަކާއި ކޮޓަރިތަކުން ވެސް ފެންނަން އެބަހުއްޓެވެ. ކެންވަސްތަކުގައި "ގޮއްޔެ ސްޓައިލް" ގެ ކުރެހުންތައް ކުރަހައިގެން ވެސް އޭނާ ވަނީ ގޭތެރެއިން ވިޔަފާރިއެއް ފަށައިފަ އެވެ.

އޭނާގެ މި ޑިޒައިންތައް ދަނީ ޓޫރިސްޓް ހޮޓާތަކަށާއި އޮންލައިން ޕްލެޓްފޯމްތަކުގައި ވެސް ވިއްކަމުންނެވެ. ނަޒީ ބުނަނީ އޮފީހަކަށް ވަޒީފާއަކަށް ނުދިޔަސް، "މިއީ ވެސް ހަމަ ވަޒީފާއެއް" ކަމަށެވެ.

 

މިވަރުން އަދި އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ ނިމުނީކީއެއް ވެސް ނޫނެވެ. ރިބަނާއި މިނާފުށް ފަދަ އެއްޗެހި ބޭނުންކޮށްގެން މާމަލުގެ ހިތްގައިމު ޑިޒައިންތައް ހެދުމާއި ކޭކު އަޅައި ޑެކަރޭޓްކޮށްގެން ވިއްކުމަކީ ވެސް އޭނާގެ ދުވަހުގެ މަސައްކަތެކެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ ކުރެހުމާއި ޑައިޒައިންކުރުމާ ގުޅިފައިވާ ހުރިހާ މަސައްކަތެއް ވެސް އޭނާ ދަނީ ތަޖުރިބާކުރަމުންނެވެ.

ގެއިން ބޭރަށް ނުގޮސް މިހާރު އަދާކުރާ "ވަޒީފާތައް" އޭނާ ބަލަނީ އަދިވެސް ހޮބީއަކަށެވެ. އަދި ލިބޭ އާމްދަނީއަކަށް ވުރެ ބޮޑަށް އޭނާ ޝައުގުވެރިވަނީ މަސައްކަތުން ލިއްބައިދޭ އަމިއްލަ ހިތްހަމަޖެހުމަށްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ނަޒީހާ ބުނީ އޭނާގެ މަސައްކަތަކީ ކޮންމެ މަހަކު ބޮޑު މުސާރައެއް ލިބޭ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ހިތްހަމަޖެހިލައިގެން އުޅެވޭވަރުވާ ކަމަށެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ވެސް އޭނާ ފާހަގަކުރީ އަދި އެހެން ކަމެކެވެ.

"މިއީ ވަރަށް ރިލެކްސިން ކަމެއް. އަޅުގަނޑު ގޭގައި އިނދެގެން މިކަހަލަ ކުރެހުންތައް ކުރަހާލީމަ ސިކުނޑިއަށް ލިބޭ ހަމަޖެހުން ވަރަށް ވެސް ބޮޑު،" އޭނާ ބުނީ މިހެންނެވެ.

"އޮފީހަކަށް ދިއުން އެއީ ދެން ވަރަށް ފޫހިކަމެއް."