ހަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ފަސޭހަވާނެ ގޮތަށް ހުޅުމާލޭ މަގުތައް ހަދަނީ

  • ދުވާރަށް އަރައި ފޭބޭނެ ގޮތަށް ޕޮއިންޓްތަކެއް ހަދާފައިވޭ
  • މަގުތަކުގައި 36 އެކްސެސް ޕޮއިންޓްވަނީ ހަދާފައި
  • އިތުރު ބަދަލުތައް މަގުތަކަށް ގެންނާނެ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭ މަގުމައްޗަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ފަސޭހައިން ޕޭމަންޓަށް އެރޭގޮތަށް ޔުނިވާސަލް އެކްސެސް ޕޮއިންޓުތަކެއް ހަދަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 36 އެކްސެސް ޕޮއިންޓު ގާއިމްކޮށްފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

"މިހާރު އެކްސެސް ޕޮއިންޓު ގާއިމް ކުރެވިފައިވާ ތަންތަނުގެ ތެރެއިން ހުވަނދުމާ ހިނގުން، ސެންޓްރަލް ޕާކު، ފިލިގަސްމަގުގެ އިތުރުން ހިތިގަސް މަގު އަދި ބަގީޗާ ހިނގުމާއި ނިރޮޅު މަގު ހިމެނޭ،" އެޗްޑީސީއިން ބުންޏެވެ.

ހުޅުމާލޭ ތަރައްގީގެ މަސައްކަތް ހަވާލުކޮށްފައިވާ އެޗްޑީސީ އިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހާ ވާނެ ގޮތަށް މުޅި ހުޅުމާލޭގައި އެފަދަ އެކްސެސް ޕޮއިންޓު ގާއިމް ކުރެވެންދެއް އެ މަޝްރޫއު ކުރިޔަށް ދާނެ ކަމަށެވެ. އަދި ވެސް މަގުމަތި ބޭނުން ކުރުމުގައި ފަސޭހަވާނެ ގޮތަށް އެހެން ބަދަލުތައް ގެންނަން ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.