ރާއްޖެ ކުޅިވަރު

ބިދޭސީ ސާފް ގައިޑުންގެ ނުފޫޒު ގަދަވެ، ރާޅާއެޅުންތެރިން ކަންބޮޑުވެފައި

ރާއްޖޭގައި ފޮޓޯގްރަފީގެ ވިޔަފާރީ ބިދޭސީންނަށް ނުކުރެވޭ ގޮތަށް ސަރުކާރުން ދާދި ފަހުން ނިންމުމާއެކު، ގިނަ ބައެއްގެ ތާއީދު އެ ނިންމުމަށް ލިބުނެވެ. އެ ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެގޮތަށް ނިންމި އެއް ސަބަބަކީ "ދިވެހި ޒުވާނުންނަށް ފުރުސަތު ދިނުން" ކަމަށެވެ. ބިދޭސީ ފޮޓޯގްރަފުންގެ ސަބަބުން ދިވެހިންނަށް އޮތް ފުރުސަތުތަކަށް ހުރަސްއެޅިގެންދިޔަ ގޮތަށް، ބިދޭސީންގެ ސަބަބުން ދިވެހި ރާޅާއެޅުންތެރިންނަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. ބިދޭސީ ސާފް ގައިޑުން އެ ދާއިރާގައި އަތް ގަދަކޮށް، ދިވެހިންނަށް އޮތް ފުރުސަތުތައް ހަނިވުމަކީ ދިވެހި ރާޅާއެޅުންތެރިންގެ ކަންބޮޑުވުމެކެވެ.

ރާއްޖޭގައި އޮތް ދުނިޔޭގެ ފެންވަރުގެ ސާފް ޕޮއިންޓްތައް ތަޖުރިބާކުރުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރެ އެވެ. އެކަމަކު ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓްތަކާއި ރާޅާއެޅުމާ ގުޅުން ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭ ޓްރެވެލް އެޖެންޓުން ސާފް ގައިޑްގެ ކަންތައް ހަވާލުކޮށްފައި ވަނީ ބިދޭސީންނަށެވެ. ބިދޭސީންގެ ދަށުން ދިވެހިންނަށް ފުރުސަތު ދިން ނަމަވެސް، ދިވެހި ސާފް ގައިޑުންނަކަށް މާބޮޑު ހިތްހަމަޖެހުމެއް ނެތެވެ. ބިދޭސީންގެ ދަށުން މަސައްކަތްކުރާއިރު، ގިނަ ފަހަރު ދިވެހި ސާފް ގައިޑް އިން އަށް ދެނީ ބިދޭސީންނަށް އަޅާބަލާއިރު ކުޑަ މުސާރައެކެވެ. ރާއްޖޭގެ ސާފް ޕޮއިންޓްތަކާއި މާހައުލާއި އޮއިވަރު ދަންނަ ދިވެހި ސާފް ގައިޑަށް ވުރެ ބޮޑު މުސާރައެއް ގިނަ ފަހަރު ލިބެނީ ޓޫރިސްޓް ވިސާގައި އައިސް މަސައްކަތްކޮށްލާ ބިދޭސީ މީހާ އަށެވެ.

"ރާއްޖޭގެ ރާޅު ޕޮއިންޓްތަކާއި މޫސުމާއި އޮއިވަރު ދިވެއްސަކަށް ވުރެ ބޮޑަށް ބިދޭސީ އަކަށް ކިހިނެއްތޯ އެނގޭނީ،" ބިދޭސީ ސާފް ގައިޑުން ރާއްޖޭގައި އަތްގަދަކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް އަހުމަދު އަޒްނީލް (އަޖޭ) ބުންޏެވެ. "މިއީ ވަރަށް ބޮޑު މައްސަަލައެއް. އަމިއްލަ ގައުމުގައި ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީންގެ ނުފޫޒު ބޮޑުވުމަކީ."

އަޖޭ ވަނީ ސާފް ގައިޑެއްގެ ގޮތުގައި 10 އަހަރު ހޭދަކޮށްފަ އެވެ. ލިބޭ އާމްދަނީ އަށްވުރެ ބޮޑަށް އަޖޭ އެ މަސައްކަތްކުރީ އެކަމަށް ހުރި ލޯތްބަކާއި ޝައުގެއްގެ ބޮޑުކަމުންނެވެ. އެކަމަކު އަޖޭ ސާފް ގައިޑްކަން ކުރުން ހުއްޓާލީ ބިދޭސީންގެ ނުފޫޒު ބޮޑުވެ، ބިދޭސީ ސާފް ގައިޑުންނާއި ދިވެހި ސާފް ގައިޑުންގެ މެދުގައި އޮތް ތަފާތު ކުރުންތައް ބޮޑުވުމުން ކަމަށް އޭނާ ބުނެ އެވެ.

"އެއް ފެންވަރެއް، އެއް މަސައްކަތެއް އެކަމަކު ދިވެއްސަކަށް މިކަން މާ ރަނގަޅަށް ކުރެވޭއިރު ދޮން މީހާ އަށް މި ދެނީ 3000 ޑޮލަރު. ދިވެއްސެއްވީމަ މި ދެނީ 300 ޑޮލަރު. އެކަމަކު ދިވެހީ މީހާ ސާފް ގައިޑްގެ މަސައްކަތުގެ އިތުރުން ކްރޫއެއްގެ މަސައްކަތް ވެސް ކުރާނެ. ދެން ޝަކުވާ ކުރީމަ މި ބުނަނީ ބިދޭސީ މީހާގެ ގައުމުގައި ހަރަދުތައް ބޮޑުވާނޭ. ބިދޭސީ މީހާ ޓޫރިސްޓް ވީސާގައި އައިސް މަސައްކަތްކޮށްލީމަ ފައިސާ މި ދަނީ ގައުމުން ބޭރަށް. އެއީ ރާއްޖޭގައި ބެހެއްޓޭނެ ފައިސާ،" އަޖޭ ބުންޏެވެ.

ރާއްޖޭގައި ހުނަރުވެރި ރާޅާއެޅުންތެރިން ގިނަ އެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ރީތި ނަން އެތައް ފަހަރަކު ރާޅާއެޅުންތެރިން ވަނީ ހޯދައިދީފަ އެވެ. އަރަމުން އަންނަ ހުނަރުވެރި ރާޅާއެޅުންތެރިން އެބަތިއްބެވެ. އެކަމަކު ކޮންމެ މީހަކީ މިކަމާ ހުސްވެގެން އުޅެވޭނެ މީހެއް ނޫނެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަން ޖެހިގެން އުންމީދީ ރަޅާއެޅުންތެރިންތަކެއް ވަނީ މި ދާއިރާ އިން ގެއްލިފަ އެވެ. އެކަމަކު މި ދާއިރާ އިން ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ ނަަމަ، ރާޅާއެޅުމުގައި ވެސް އެމީހުންނަށް ދެމިތިބެވޭނެ އެވެ.

މަޝްހޫރު ރާޅާއެޅުންތެރިޔާ އަބްދުﷲ އަރީފް (ފުކޫ) ބުނީ ދިވެހި ސާފް ގައިޑުންނަށް ފުުރުސަތުތައް އިތުރުކުރަމަކީ ރާޅާއެޅުމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

"ފެންވަރު ތިބި މީހުން ނެތީކީ ނޫން. ފުރުސަތު ދިނަސް މި ދެނީ ބިދޭސީއެއްގެ ދަށުން. ކުޑަ މުސާރައަކަށް އެކަން ކުރުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫން. ދިވެހިން މިކަމުގައި ބާރު ގަދަކުރީމަ ރާޅާއެޅުމަށް ކުރިއެރުން ލިބޭނީ. މި ކަމުގައި ގިނަ ބަޔަކު ހިފެހެއްޓޭނެ،" ފުކޫ ބުންޏެވެ.

ދިވެހިންނަށް ފުރުސަތު ދިނުމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ސާފް ޓްރެވަލް ކުންފުނި ކަމަށްވާ އެތޯލް އެޑްވެންޗާސް އަކީ ލާމަސީލު މިސާލެކެވެ. ހުސް ދިވެހި ސްޓާފުންނާއެކު، އެޓޯލް އެޑްވެންޗާސް އަކީ ރާއްޖޭގައި 100 ޕަސެންޓް ދިވެހި ސްޓާފުންނާއެކު ހިންގާ ހަމައެކަނި ސާފިން އޮޕަރޭޝަނެވެ. މި އެ ކުންފުނިން ފަހުރުވެރިވާ ކަމެކެވެ.

"އަޅުގަނޑުމެން ބަލަނީ ދިވެހިންނަަށް ފުރުސަތު ދެވޭތޯ. އަޅުގަނޑުމެންގެ ސްޓާފުންނަކީ އެކަށީގެންވާ ޓްރެއިނިން ލިބިގެން ތބި ސްޓާފުން. 100 ޕަސެންޓް ދިވެހި ސްޓާފުންނާއެކު އަޅުގަނޑުމެން މި މަސައްކަތްކުރަނީ ފަހުރުވެރިކަމާއެކު،" އެތޯލް އެޑްވެންޗާސްގެ ޑައިރެކްޓަރު އަހުމަދު ރަޝީދު (ދަރާ) ވިދާޅުވި އެވެ.

ދަރާ ވިދާޅުވީ ދިވެހި ސާފް ގައިޑުންނަށް އޮތް ފުރުސަތުތައް ހަނިވުމަކީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަންް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ބިދޭސީން ގެނައުން ހުއްޓާލަން ޖެހޭ ކަމަށް ނުދެކެން. އެކަމަކު ބިދޭސީންނަށް ވުރެ ބޮޑަށް ދިވެހިންނަށް އިސްކަން ދޭންޖެހޭ. އެކަމަށް އުސޫލުތަކެއް ކަނޑައަޅައި، އެކަން މޮނިޓާކުރެވޭނެ ގޮތް ތަކެއް ހޯދަން އެބަޖެހޭ،" ދަރާ ވިދާޅުވި އެވެ.

ރާޅާއެޅުންތެރިން ތިބީ ބިދޭސީ ސާފް ގައިޑް އިން ގިނަވުމުގެ މައްސަލައިގައި ތެދުވުމަށް ނިންމައި، އެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފަ އެވެ. ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނާނެ ކަމަށް އަޖޭ ބުންޏެވެ. އެކަމަކު ފިޔަވަޅު އެޅި ނަމަވެސް، އެކަން ރަނގަޅަށް މޮނިޓާ ކުރެވެންޖެހޭނެ ކަމަށް އަޖޭ ބުންޏެވެ.

"އެނގިފައިވާ ގޮތުގައި މިހާރު ވެސް މިކަމަށް ފިޔަވަޅެއް އަޅާފާނެހެން ހީވެެގެން މި އަންނަ ބިދޭސީ ސާފް ގައިޑް އިން ދަނީ އެހެން ގޮތްތައް ހޯދަމުން. މިހާރު ބައެއް މީހުން މި އަންނަނީ ސާފް ގައިޑެއްގެ ނަމެއްގައެއް ނޫން. އެހެން ކަމެއް ކުރުމުގެ ނަމުގައި އައިސް މިކަން މިކޮށްލަނީ. މިކަން މޮނިޓާކުރެވެން ޖެހޭ،" އަޖޭ ބުންޏެވެ.

ޓޫރިސްޓް ގައިޑުކަން ހަމައެކަނި ދިވެހި ރައްޔިތަކަށް ކުރެވޭއިރު، ސާފް ގައިޑް ކަން ވެސް ކުރެވެން ޖެހޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ރާޅާއެޅުންތެރިން ގަބޫލްކުރެ އެވެ. އަދި މި މައްސަލައިގައި އަވަސް ހައްލެއް ލިބުމަކީ ރާޅާއެޅުންތެރިންގެ އުންމީދެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަން މިކަން ގެނައުމުން، މި މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ރާޅާއެޅުންތެރިން އުންމީދުކުރެ އެވެ.