ރާއްޖެ ކުޅިވަރު

މާޒިޔާ ދިއްދޫ އަށް

ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު (ފުނަމާ ލަތީފު)ގެ ދައުވަތަކަށް ދިއްދޫ އަށް ކުރާ ޓުއާގައި މިއަދު މެންދުރު ފަހު މާޒިޔާގެ ޓީމުން ދިއްދޫ އަށް ދިއުމުން، އެ ރަށުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޕީޕަލްސް ކަޕްގެ ރަނަރަޕް މާޒިޔާ އަށް މަރުހަބާ ކިއުމަށް ދިއްދޫގެ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މާޒިޔާ އަށް މަރުހަބާ ކިޔަން އެ ސަރަހައްދަށް ޖަމާވި އެވެ.

މާޒިޔާއާ އަލަށް ގުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ވެސް އެ ޓީމާއެކު މި ދަތުރުގައި ބައިވެރިވި އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ އިން މި މަހުގެ 8 އަށް ކުރާ ޓުއާގައި ދިއްދޫގައި ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ދިއްދޫ އިން ހޮވާލެވޭ ޓީމަކާއެކު ކުޅޭ މެޗާއި އަންނަ މަހުގެ ހަތް ވަނަ ދުވަހު ހއ. އަތޮޅުން ހޮވާލެވޭ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދަތުރުގައި މާޒިޔާ އިން ހދ. ކުޅުދުއްފުއްޓާއި ހދ. ނޮޅިވަރަމަށް ވެސް ޒިޔާރަތްކޮށް، މެޗުތަކެއް ކުޅޭނެ އެވެ.

މި ދަތުރުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މި ދަތުރުގައި ހއ. އަތޮޅުގައި ތިބި ހުނަރުވެރި ކުޅުންތެރިން ފާހަގަވާނެ ކަމަށާއި ރަނގަޅު ކުޅުންތެރިންނަށް މާޒިޔާގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

"ހަމަ ޔަގީން އެއް ސަރަހެއްގައި މި ގޮތަށް މެޗުތަކެއް ކުޅެމުންދާއިރު ގެންނަން މަޖުބޫރު ހަތަރު ވަަރަކަށް ކުޅުންތެރިން ފެނިގެންދާނެ. މާޒިޔާގެ ދޮރު އޮތީ ކުޅުންތެރިންނަށް ހުޅުވިފައި،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މި ޓުއާގެ ސަަބަބުން މާޒިޔާ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށާއި މި ދަތުރުގެ ސަަބަބުން މާޒިޔާގެ ޓީމު ރޫހާއި އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމަށެވެ.