ދިރާގު

ސަރުކާރުގެ ޖީއެންއެމް ނެޓްވޯކްގެ ކަނެކްޓިވިޓީ ފޯރުކޮށްދޭން ދިރާގާ ހަވާލުކޮށްފި

May 8, 2016
1

ސަރުކާރުގެ ރަސްމީ އެޕްލިކޭޝަންތައް ގުޅާލެވިފައިވާ މައި ނެޓްވޯކް "ގަވަމަންޓް ނެޓްވޯކް އޮފް މޯލްޑިވްސް" (ޖީއެންއެމް) ގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގާ ހަވާލުކޮށްފި އެވެ.

ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ.

މި ނެޓްވޯކަކީ ރާއްޖެގެ ރަސްމީ އިދާރާތަކުން ދެމުންގެންދާ މުހިންމު ހިދުމަތްތައް ލާމަރުކަޒީކޮށް ރަށު ކައުންސިލްތަކާއި ގުޅިގެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ނެޓްވޯކެވެ.

މި ނެޓްވޯކް މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެތެރޭގައި ސިޓީ ބަދަލު ކުރަން ބޭނުންކުރާ "ގަވަމަންޓް އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް" (ޖެމްސް) ގެ ހިދުމަތާއި، އެންސީއައިޓީ އިން ތައްޔާރުކުރަމުންދާ ސަރުކާރުގެ ސެންޓްރަލް ހިޔުމަން ރިސޯސް އަދި ޕޭރޯލް ސިސްޓަމްގެ ހިދުމަތާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ލައިސަންސާއި ވިޔަފާރީގެ ރަޖިސްޓްރީ އަދި ވޯކް ޕާރމިޓް ދިނުންފަދަ މުހިންމު ޚިދުމަތްތަކެއް މި ނެޓްވޯކްގެ އެހީގައި ލާމަރުކަޒީ އުސޫލުން ރަށު ކައުންސިލްތައް މެދުވަރިކޮށް މިހާރުވެސް ދެމުންގެންދެއެވެ.

އަދި ވިޔަފާރީގެ ރަޖިސްޓްރީ އާއި އާސަންދަ އަދި ޕެންޝަންގެ އިތުރުން، އައިޑީ ކާޑު ވެރިފިކޭޝަންފަދަ ސަރުކާރުގެ އިދާރާ ތަކުގެ ދެމެދުގައި ކުރެވޭ ތަފާތު މުއާމަލާތްތައްވެސް ކުރެވެމުންދަނީ މި ނެޓްވޯކުގެ އެހީގައެވެ. މިއީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއި އަވަސްކަމާއެކު ދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެންސީއައިޓީ އިން ކުރަމުންގެންދާ މަސައްކަތްތަކަށް ބޭނުންކުރެވޭ ވަރަށް މުހިންމު އިންފްރަސްޓްރަކްޗާއެކެވެ. މި އެގްރީމެންޓާއެކު ނެޓްވޯކްގެ ސްޕީޑް އަދި ބޭންޑްވިތް ވަނީ ސްޕީޑް އަވަސްކޮށް ފަސޭހަ ކުރެވިފައެވެ.

މީގެ އިތުރުން މި ނެޓްވޯކަކީ ރާއްޖޭގެ ނެޝަނަލް ބޯޑާ ކޮންޓްރޯލް ސިސްޓަމް ވެސް ރާއްޖޭގެ ހުރިހާ ބައިނަލްއަގުވާމީ އެއާޕޯޓް ތަކާއި ގުޅުވައިދޭ ނެޓްވޯކެކެވެ. އަދި ކޯޓްތަކުގެ ވީޑިއޯ ކޮންފެރެންސިންގ ހިދުމަތާއި، ޓެކްސްގެ ޚިދުމަތް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހުރިހާ ބްރާންޗް އޮފީސްތައްވެސް ގުޅިގެން ދަނީ މިނެޓްވޯކުގެ އެހީގަ އެވެ.
އެންސީއައިޓީގެ އެގްޒެކެޓިވް ކޯޑިނޭޓާ އަހްމަދު އަޒްހާން ޝަމީމް ވިދާޅުވީ ދިރާގާއެކު ވެވިފައި އޮތް އެއްބަސްވުން އާކުރެވިގެން ދިޔައިރު މި ނެޓްވޯކުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަވެ، ޕްރޮސެސް ކުރުމުގައި މިހާރަށްވުރެ އަވަސްވެގެންދާނެ ކަމަށެވެ.

"ފައިބަ ކަނެކްޓިވިޓީގެ އެހީގައި އަޅުގަނޑުމެންނަށް މިހާރު ލިބެމުންދާ ސްޕީޑް އިތުރަށް އަވަސްވެ، މި ހިދުމަތްތައް މިހާރަށްވުރެ ފުރިހަމަ ވުމަކީ މި އެއްބަސްވުމާއިއެކު އަޅުގަނޑުމެންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުން. ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އެޅިފައިވާ ފައިބަ އޮޕްޓިކް ކޭބަލްގެ އެހީގައި ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ދިރާގު ފަދަ ކުންފުންޏަކަށް މިފަދަ ބޮޑު މަޝްރޫއެއް ހިންގުމުގެ ކަންކަން ހަވާލުކުރެވިގެން މި ދިޔައީ މި ޖީއެންއެމް އަކީވެސް މުޅި ރާއްޖެ ގުޅުވައިދޭ ނެޓްވޯކަކަށް ވާތީ،" އަޒްހާން ޝަމީމް ވިދާޅުވި އެވެ.