ހަބަރު

މިނިވަން ކަމާއެކު ބޮޑެތި ގައުމުތައް ކުރިމަތީ ރާއްޖެ އޮންނަނީ އެކަމަށް ކުރާ ގަދަ މަސައްކަތުން: އުމަރު

May 8, 2016

ސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ރާއްޖެ މިނިވަންކަން މަތީ ދެމި އޮތުމުގެ އަސްލަކީ މިނިވަންކަމަށް ޓަކައި ދިވެހިން ކުރާ މަސައްކަތް ކަމަށް ހޯމް މިިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަސް ފާހަަގަ ކުރުމަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، އިންޑިއާ ސްރީލަންކާ ފަދަ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި އިސްލާމީ އަދި މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ، ދެމި އޮތުމުގެ އަސްލަކީ މިނިވަން ކަން ދިފާއު ކުރުމަށް ޓަކައި ލެއިން ގުރުބާންވާ ދިވެހިން އަބަދުވެސް ތައްޔާރަށް ތިބޭ ތިބުން ކަމަށެވެ. މިނިސްޓަރު އުމަރު ވިދާޅުވީ މިނިވަންކަމަށް ލޮޅުން އައި ކޮންމެ ފަހަރަކު ވެސް ދިވެހިން އެ ސާބިތުކަން ދެއްކި ކަމަށެވެ. އަދި ދީނާއި ގައުމަށް ޓަކައި ނިކުންނަން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެކަން ސިފައިންނަށާއި ދިވެހި ކޮމާންޑަރުންނަށް ހަނދާން ކޮށްދޭން ނުޖެހުނު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އެކަން ކޮންމެ ފަހަރަކު އޮތީ އެހެނެއް ނޫން. ނޮވެމްބަރު ތިނެއްގައި އަދި އެހެން ވަގުތުތަކުގައި ވެސް ދިވެހި ސިފައިންނާއި ކޮމާންޑަރުންނަށް ނުޖެހުނު ބުނެދޭކަށް އެ މީހުން ތިބީ ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަ ކުރަން ކަމެއް. އެބޭފުޅުން ނިކުތީ ދީނާއި ގައުމުގެ ދިފާއުގައި ލިބޭ މަގާމަކަށް ފައިސާއަށް ބެލުމެއް ނެތި ލެޔާއި ޖާނުން ގުރުބާވާން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިނިވަން ގައުމެއް ނަމަ، ޝަހީދުން ތިބޭނެ ކަމަށެވެ. އަދި އެ މީހުންނަކީ ގައުމަށް އެންމެ ބޮޑު ހިދުމަތް ކޮށްދީފައި ތިބި ފަރާތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއްވެސް ކަމަކަށް ބެލުމެއް ނެތި އެ މީހުންގެ ފުރާނަ ގުރުބާން ކޮށް ނުރައްކަލަށް ހުށަހެޅެނީ، ލިބޭނެ މަގާމަކަށް އަދި ފައިސާއަކަށް ވެސް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މީހުންގެ ގުރުބާނުގެ ވާހަކަ އެ މީހުންނަށް އަޑުވެސް ނީވޭނެކަން އިނގޭ އިރު އެފަދަ ގުރުބާނީއެއް ވަނީ ގައުމަށް ޓަކައި އޮންނަ ލޯތްބެއްގެ ސަބަބުން ކަމަށެވެ.

"އެހެން ވީމާ އެފަދަ މީހުން ގައުމަށް ލޭ އޮހޮރުވާ ނުލި ނަމަ، އަޅުގަނޑުމެންގެ މިނިވަންކަމެއް އަދީ ދީނެއް ނެތް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ. ޝަހީދުން މަސައްކަތް ކުރަނީ ލިބޭނެ އެއްޗަކަށް ނޫން މަގާމަކަށް ފައިސާއަކަށް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރާ ބަތަލް، އަލިރަސްގެފާނުގެ ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޯޗްގީޒުންގެ ލަޝްކަރުތައް މާލެ އަރައި ރާއްޖެ ހިފުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ވެސް އެމަނިކުފާނު ދެއްކެވީ ހިތްވަރުގަދަ ކަން ކަމަށެވެ. އުމަރު ވިދާޅުވީ އަލިރަސްގެފާނު ދެއްކެވީ ގައުމު ދެކެ ލޯބިވާ ހަގީގީ ދިވެހި ދަރިއެއްގެ ސިފަ ކަމަށެވެ. އަދި އެމަނިކުފާނު ލޭ ދިވެހި ބިމަށް އޮހޮރިގެން ދިޔައީ ގައުމާއި ދީނުގެ ދިފާއުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ ބަޔަކަށް ދިވެހި ކޮންމެ މީހަކު ވެސް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ނާޒުގު ވަގުތު އަނބިކަބަލުން ކަންބޮޑުވެ ވަޑައިގަތުމުން ވިދާޅުވީ، ދެ ގޮތުން ވެސް ތިމަންނާއަށް އޮތީ އުފަލޭ. ދުޝްމަނުންނާ ކުރިމަތިލާ ޝަހީދުވެ ސުވަރުގެ ލިބުން އަނެއް ގޮތަކީ، ދުޝްމަނުންގެ ކިބައިން ގައުމު ސަލާމަތް ކުރެވުމުގެ އުފަލޭ. އެހެން ވިދާޅުވެ އެމަނިކުފާނު އެ ކުރެއްވި ޖިހާދުގައި ޝަހީދުވެ އެމަނިކުފާނުގެ ލޭ މި ބިމަށް އޮހޮރި ޝަހީދެއްގެ ގޮތުގައި ނިމިގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަހުގެ ތާރީހެއްގައި ދިވެހިންގެ މިނިވަންކަމަށް އެންމެ ބޮޑު އަސަރެއް ކުރި ނޮވެމްބަރު ތިނަކަށް އަލިއަޅުއްވާ ލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދުވަހު ސިފައިން ދެއްކީ ނަމޫނާ ކަމަށެވެ. އަދި އެ ދުވަހު ވެސް ގައުމާއި ދީނަށް ޓަކައި ޝަހީދުވެގެން ބަޔަކު ނުދިޔަ ނަމަ، މިނިވަންކަން ދިފާއު ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.