ވިޔަފާރި

ސަރުކާރުގެ އަމާޒަކީ ޖީޑީޕީ 12،000 ޑޮަލަރަށް މަތިކުރުން: މިނިސްޓަރު

  • އަމާޒަކީ މިނިވަން ވިޔަފާރީގެ މާހައުލެއް ގެނައުން
  • ގިނަ މަޝްރޫއުތަކުން އިގްތިސޯދު ފުޅާވާނެ
  • ބޮޑުތި މަޝްރޫއުތަކާމެދު ޔަގީންކަން އެބައޮތް

ސަރުކާރުގެ އަމާޒަކީ ޖީޑީޕީގެ މިންވަރު މިހާރު ހުރި 6500 އެމެރިކާ ޑޮލަރުން 12،000 ޑޮަލަރަށް އިތުރު ކުރުން ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައި ވަނީ އެއް ވިޔަފާރިއެއްގެ ބަދަލުގައި އެތައް ވިޔަފާރިއަކަށް ގައުމުގެ އިގްތިސާދު ފުޅާކޮށް، އެއިން ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖެއާއެކު ވިޔަފާރިކުރަން ތިބި ގައުމުތަކާއެކު ގުޅުންތައް ބަދަހިކޮށް، އިގްތިސާދީ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަކީ މިނިވަން ވިޔަފާރީގެ މާހައުލެއްގެ ގޮތުގައި އިންވެސްޓަރުންނަށް ދައްކައިދިނުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ކާމިޔާބު ކަމަށެވެ.

އެސްއީޒެޑް، ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް، އައި ހެވަން ފަދަ މަޝްރޫއުތަކަކީ މީގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މިފަދަ މަޝްރޫއުތަކުން ރައްޔިތުންނަށް ފައިދާ ވާނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ސަރުކާރުގެ މައިގަނޑު އަމާޒަކީ ޖީޑީޕީގެ މިންވަރު ގާތްގަނޑަކަށް ދެގުނަ އިތުރުކޮށް އެ އަދަދު 12000 ޑޮލަރަށް މައްޗަށް ޖެއްސުން ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު، މަރުކަޒީ ބެންކު އެމްއެމްއޭ އިން ވަނީ ޖީޑީޕީ މިއަހަރުގެ ތެރޭގައި 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށް ހާމަކޮށްފަ އެވެ. ޖީޑީޕީ އިތުރުވާނޭ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވާ އިރު، މިއަހަރު ނިމޭ އިރު ރާއްޖޭގެ ދަރަނި ގައުމުގެ އުފެއްދުންތެރިކަމުގެ 65 ޕަސެންޓަށް އުފުލޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ. މިއަހަރުގެ ނިމޭ އިރު އެ އަދަދު 65 ޕަސެންޓަށް މައްޗަށް އުފުލެނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކަށް ހަރަދު ކުރުމަށް ބޮޑެތި ލޯނުތަކެއް ނަގާތީ އެވެ. އޭގެ ތެރެއިން 41 ޕަސެންޓް ދަރަންޏަކީ ރާއްޖޭގެ ބޭންކްތަކަށާއި ހަރަދުތައް ފޫބެއްދުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށާއި ބޭންކްތަކަށް ވިއްކާ، ޓީބިލް އަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ އުމްރާނީ ތަރައްގީގެ މަޝްރުއުތަކުގެ ސަބަބުން ބޮލަކަށް ޖެހޭ ދަރަނީ އިތުރުވި ނަމަވެސް، ޖީޑީޕީ އިތުރަށް ފުޅާވެ، ދަރަނި އަދާ ކުރުމުގެ ގާބިލްކަން ރާއްޖޭގެ ހަތަރު ގުނަ އިތުރުވެގެން ދާނެ ކަމަށް ވިދާޅުވެފަ އެެވެ.

ސަރުކާރާއި މާލީ އިދާރާތަކުން މިހެން ބުނެފައިވާ އިރު، ދުނިޔޭގެ މާލީ އިދާރާ، ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވޯލްޑް ބެންކުން ނެރެފައިވާ "ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް 2016" ރިޕޯޓްގައި ބުނެފައި ވަނީ، އަހަރުން އަހަރަށް ލިބޭ އާމްދަނީ ބޮޑުވި ނަމަވެސް، ހަރަދުތައް އެއަށް ވުރެ މާ ބޮޑުތަން އިތުރުވަމުން އަންނަ ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ކުރާ ހަރަދު އިތުރުވުމުގެ ސަބަބުން، ރާއްޖޭގެ ފިސްކަލް ޑެފިސިޓް 2018 ވަނަ އަހަރު ޖީޑީޕީގެ 20 ޕަސެންޓަށް އިތުރުވުން އެކަށީގެންވާ ކަމަށް ވޯލްޑް ބޭންކް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި 2020 ގައި އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ 120 ޕަސެންޓަށް އެ އަދަދު އިތުރުވާނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

މިފަދަ އަދަދަކަށް ދަރަނި އުުފުލިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނޭ ކަމުގެ އިންޒާރު އެ ރިޕޯޓުގައި ބުނެފައިވެ އެވެ.