ފިނިޕޭޖް

ވަފާތެރި ކެހިވެރިޔާ ޕްރިމިއާ ކޮށްފި

ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފިލްމު "ވަފާތެރި ކެހިވެރިޔާ" ރޭ އޮލިމްޕަހުގައި ރިލީޒްކޮށްފި އެވެ. ފިލްމަކީ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ދެކެދެކެވެސް ޕްރޮޑަކްޝަން އިން އުފައްދާފައިވާ ތަފާތު ގޮތަކަށް ލޯބި ގެނެސްދޭ ބޮޑު ފިލްމެކެވެ.

ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފިލްމު ރިލީޒް ކޮށްދެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަހުމަދު ފަލާހު އަދި މޯލްޑިވިއަން އައިޑޮލްގެ ސީޒަން ވަން ގެ އައިޑޮލް ލައިޝާ ޖުނައިދެވެ.

އިންތިހާއަށް މުއްސަނދި އަންބެއްގެ މުދާތައް އިތުރު އަންހެން ކުއްޖަކު ބޭނުންކޮށްގެން "ފޭރިގަންނަން" މަސައްކަތް ކުރާ ފިރިހެނެއްގެ ދިރިއުޅުމަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ތަޖުރިބާކާރު އަދި ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ދެ ތަރިން ކަމަށްވާ ޒީނަތު އައްބާސް އަދި އަލީ ސީޒަން އާ އެކު ހަރަކާތްތެރިވަނީ އަރަމުން އަންނަ ތަރި މަލީހާ ވަހީދު (މަލް) އެވެ. މި ފިލްމުގައި އަހްމަދު އަޒްމީލް (އަޒޭ) ވެސް ފެނިގެންދެ އެވެ.

ވަފާތެރި ކެހިވެރިޔާ ޕްރޮޑިއުސް ކޮށްފައި ވަނީ ދިވެހި ފިލްމު "ނިއުމާ" ގެ ޕްރޮޑިއުސަރު މުހައްމަދު އަބުދުﷲ އެވެ. މަޝްހޫރު ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ "ވަންހަނާ" އަށް ހަދާފައިވާ މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ސީޒަން އެވެ.

ފިލްމްގައި ހަތަރު ލަވައެއް ހިމެނުނު އިރު ތީމް ލަވަ ނޫން އެހެން ލަވަތަކުގެ މިޔުޒިކް ކުޑަ އިއްބެ ހަދާފައިވާއިރު ކުޑަ އިއްބެގެ އަޑުން ލަވައެއް ވެސް އިވިގެންދިޔަ އެވެ. ކުޑަ އިއްބެގެ އިތުރުން މުހައްމަދު އަބްދުލް ޣަނީ އާއި އަޝްފާ އަދި ލަހުފާގެ އަޑު ވެސް މި ފިލްމްގެ ލަވަތަކުން އިވިގެންދިޔަ އެވެ. ތީމް ލަވައިގެ މިއުޒިކް ހަދާފައިވަނީ އަހުމަދު ނިފާރް (ތިއްތި) އެވެ. ބެކް މިޔުޒިކް ވެސް ހެދީ ތިއްތި އެވެ. ކެމެރާ ކުރީ ކަނޑި އެވެ.

ޕްރޮމޯޝަނަށް އެކަނިވެސް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި މި ފިލްމަކީ ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމާ ވިދާޅުވެފައިވެ އެވެ. މުހަންމާ ދިން ޔަގީން ކަމަށް ބަލައި 200 ރުފިޔާ ހަރަދުކޮށްގެން ޕްރިމިއާ ޝޯއަށް އައި ބައެއް ބެލުންތެރިންގެ ހިޔާލު ފިލްމާ މެދު ހުރިގޮތް ބަލައިލުމަކީ މުހިންމުކަމެކެވެ.

"އަސްލު ހީކުރި ވަރެއް ނޫން، ނިއުމާ އާ އެއް ފެންވަރެއްގެ ފިލްމެއް ކަމަށް ހީކުރީ. ޑައިލޮގްތައްވެސް ވަރަށް ބޯރިން، އެކަމަކު ލަވަތައް ވަރަށް ރީތި، މަލްގެ އެކްޓިން ވެސް ކުރިން ފިލްމަށްވުރެ އެތައް ތަނެއް ރަނގަޅު. އަނެއްހެން ސްޓޯރީވެސް ރީތި" ނިކަން އުންމީދާއެކު ޕްރިމިއާ ޝޯގެ ހާއްސަ ކުލަތަކުން ހެދުން އަޅައިން އައިސް ހުރި އަންހެން ކުއްޖަކު އަވަސް އާ ވާހަކަ ދައްކަމުން ފިލްމާމެދު ބުނީ މިހެންނެވެ.

"ފިލްމު ހަޑިއެއް ނޫން. ރީއްޗެއްވެސް ނޫން. މެދުމިނުގެ ފިލްމެއް. ރަނގަޅު މެސެޖެއް ލިބޭ ފިލްމެއް" ފިލްމު ބަލާފައި ނުކުތް އެހެން މީހަކު ބުނީ މިހެންނެވެ.

"އައި ވޯޒް ނޮޓް އެކްސްޕެކްޓިން ދިސް. ސީޒަންގެ ބެސްޓެއް ދެވިފައެެއް ނެތް، އަރަމުން އަންނަ ތަރިއަކަށް ބަލާފައި މަލް ވަރަށް ރަނގަޅު، އައިލެންޑު ލައިފް އެނގޭ ހެނެއް ހިއެއް ނުވޭ. މީހުންވެސް މާ މަދީ، ހަތް މީހުން މުޅި ފިލްމުގައި" މިއީވެސް ބެލުންތެރިއެއްގެ ހިޔާލެވެ.

މި ފިލްމުގެ އެންމެ ހާއްސަ ކަމަކީ ފިލްމުގެ ނަން ކަމަށްވާ "ވަފާތެރި ކެހިވެރިޔާ" ގެ މާނަ ފިލްމު ނިމިގެންދާއިރު ސާފުވެގެން ދިއުމެވެ.