"ވަފާތެރި ކެހިވެރިޔާ" ގެ ވާހަކަ ފުރަތަމަ އަޑު އިވުމުން އެބުނި އެއްޗެއްގެ މާނަ އެއްގޮތަކަށްވެސް ވިސްނުމަކަށް ނަ އެވެ. އެބަހުގެ މާނަ ހޯދާލަން ދެ ތިން މީހެއްގެ ކައިރީގައި އަހާވެސް ލީމެވެ. އެހެން ނަމަވެސް ހިތްހަމަ ޖެހޭ ކަހަލަ ޖަވާބެއް ލިބުނު ކަމަކަށް ނުވި އެވެ. މި ފިލްމު ބެލުމާއި ހަމައަށް އެބަހުގެ މާނަ އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ދެކެދެކެވެސް ޕްރޮޑަކްޝަނުން ފެށުމުން ފިލްމް ބަލައިލަން ދާން ހިތުލައިގެން ހުރީމެެވެ. އެކަމަކު ފިލްމުގައި އުޅޭ ކާސްޓުންނަށް ބަލާފައި ދެ ވަނަ ވިސްނުމަކަށް ދިޔަ އެވެ. އެކަމަކުވެސް އެންމެ ފަހު ވަގުތު ރައްޓެއްސަކު އަތުން ޓިކެޓެއް ހޯދައިގެން ފިލްމު ބަލަން ހިނގައްޖައީމެވެ.
ބޮޑުބެރުގެ ލަވައެއް އަދި މޯލްޑިއަން އައިޑޮލްގެ ގެ ފޭވަރިޓް ދެ ބައިވެރިއަކު ބައިވެރިކޮށްގެން ވަރަށް ކުލަގަދަ ކޮށް ފިލްމު ރިލީޒްކޮށްފި އެވެ. މިހުރިހާ އިންތިޒާރަކާއި އޮލިމްޕަހުގެ ފޫހި ގޮނޑިތަކުގައި އިނދެ ފިލްމު ބަލާހިތް ނުވިއަސް ފިލްމު ބަލަން ދިޔަ އެއް ބޭނުމަކީ ދެކެދެކެވެސް ޕްރޮޑަކްޝަން އަކީ މޮޅު ފިލްމުތަކެއް ގެނެސްދޭ ބަޔަކަށް ވާތީ އެވެ. އިންތިޒާރުގެ ސިކުންތުތައް ގުނަން އިންދާ ފިލްމު ފަށައިފި އެވެ.
ފިލްމު ފެށިގެން އަންނަނީ ފަތިހު ހާ ގޮވާ ހިސާބުންނެވެ. ހަށިގަނޑަށް ސަމާލުކަން ދޭ އަނބި މީހާ ދެކެ އިންތިހާއަށް ލޯބިވާ ފިރި އެކެވެ. ފަތަން ގޮސް އައިސް އަނބިމީހާ ހޭލަން ވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރާ "ކެއަރިން" ފިރި އެކެވެ. ބަލިވެ އިންނަކަން އެނގޭ ހިސާބުން އިތުރަށް ކެއާ ކުރަން ފަށަ އެވެ. ވަގުތު ވީ ވަރަކުން އަނބިމީހާ އަށް ވަގުތުދީގެން އުޅޭ ލޯބިވާކަން ހާމަކޮށް އަމަލުން އެކަން ދައްކާ ފިރި އެކެވެ.
އެކަމަކު ފިލްމު ފެށޭތާ ފަސް މިނެޓުވެސް ނުވަނީސް ފިރިމީހާ ސީޒަން/ ފަޔާ ގެ އެހެން ސިފައެއް ފެންނަން އުޅޭކަމުގެ ނިޝާންތައް ފެނެ އެވެ. އޮފީހަށްދާ މަގުމަތިން އެހެން އަންހެން ކުއްޖަކު (މަލް/ ނުޒޫ) އާ މުޑި އަރަ އެވެ. އެވަގުތު ދެ މީހުންގެ ދެމެދު ވާހަކަ ދެކެވެ އެވެ. މި ވާހަކަތަކުން ނުޒޫ އަކީ ހުށިޔާރު އަންހެން ކުއްޖެއްކަން ދެނެގަނެވެ އެވެ.
މިކަހަލަ ގޮތަކަށް ދެ ތިން ފަހަރަކު ނުޒޫ އާ ފަޔާ ދިމާވިއިރު ނުޒޫ ހުރީ ފުރަތަމަ ނަޒަރުން ފަޔާ ދެކެ ލޯބިވެ އެ ލޯބީގައި ގަރަގުވެގެން ގޮސްފަ އެވެ. ނުޒޫ އަކީ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކުއްޖެކެވެ. މިކަން ފަޔާއަށް ކޮންމެވެސް ގޮތަކުން އެނގެނީ ކަމެއް ނޫނީ ފަޔާގެ ހިތްވެސް ނުޒޫގެ މައްޗަށް ދީލާލެވިގެން އެ ދެމީހުންގެ ދެެމެދުގައި ލޯބީގެ ގުޅުމޭ މިކިޔާ ގުޅުން އުފެދިގެންދެ އެވެ.
މިއިން ކަމެއްގެ ހިލަން ފަޔާގެ އަންހެނުން ޒީނަތު/އައިންތުއަށް ނުވެ އެވެ. އެއްބަނޑު ކޮއްކޮ އަޒްމީލް/ލައްޗޭ ދެއްކި ވާހަކަތަކަށް އެއްވެސް ޝައުގުވެރިކަމެއް ނުދީ ފިރިމީހާއަށް ކުރި އިތުބާރުގައި ދެމިހުރީއެވެ. ވަފާތެރި އަންބެއްގެ ގޮތުގައި ދެމިހުއްޓެވެ. ނުޒޫ އާ ފަޔާ އެދެމީހުންގެ ލޯބީގެ ކަނޑުގައި ފީނަމުންގޮސް ތިބީ ނިކަން އަޑިއަށް ގޮސްފަ އެވެ. ފަޔާ، ނުޒޫ ގާތު އައިންތުގެ ދޮގު ވާހަކަތަކެއް ދައްކައިގެން ހައްލަމުން ދިޔައިރު ނުޒޫއަށް ފެންނަމުން ދިޔައީ އައިންތުގެ ކިބައިން އެހެން ސިފަތަކެކެވެ. މުއްސަނދި ނަމަވެސް ބޮޑާކަމެއް ނެތް ހިތްހެޔޮ ސިފަ އެވެ. އެކަމަކުވެސް އޭނާގެ ލޯތްބަށް ވަފާތެރިވާން މަސައްކަތްތަކެއް ކުރެ އެވެ. ވަފާތެރި ކެހިވެރިޔާގެ މާނަ ވިސްނެނިނީ މިހާ ހިސާބުންނެވެ. އަދި ވަފާތެރި ކެހިވެރިއަކީ ކޮބައިކަންވެސް ވަރަށް ސާފުކޮށް އެނގެ އެވެ.
މި ފިލްމު ވަފާތެރި ކެހިވެރިއަކަށް ވަނީ ކީއްވެ؟
އެއްގޮތަކަށްވެސް އެއީ ފިލްމުގެ ވާހަކައިގައި މައްސަލައެއް ހުރެގެންނެއް ނޫނެވެ. އެކަމަކު އަތުން ދޫވެފައި ހުރި ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. ފިލްމަކީ އަތޮޅު ތެރޭގެ ރަށެއްގައި ދިރިއުޅޭ ބައެއްގެ ދިރިއުޅުމަށް ބަލާފައި ހަދާފައި ފިލްމަކަށްވާ އިރު ފިލްމުން "އައިލެންޑް ލައިފް" އެއް ނުފެނެ އެވެ.
ހެނދުނު ސައިބޯން ބަދިގެއަށް ވަންނަ އިރު ހަވީރު ފިންޏަށް ހިނގާލަން ދާ މޭކަޕް ކުރާ ވަރަށް މޭކަޕްކޮށްފައި ހުރިކަން ފާހަގަކުރެވެ އެވެ. ކުރާނެ ކަމެއް ނެތިގެން ގޭ ދޮރުމަތި ކުނި ކަހަން ހުރި އިރު ހައި ހީލްސްގައި ހުރިކަމަކީ ވަރަށް ފާހަގަކުރެވުނު ކަމެކެވެ. އަދި އައިންތު ގޭތެރޭގައި އުޅޭއިރުވެސް ހައި ހީލްސްގައި އުޅުން މިއީ އެއްގޮތަކަށްވެސް ރަށެއްގައި ދިރިއުޅޭ މީހުންގެ ކިބައިން ފެންނަ ކަންތައްތަކެއް ނޫނެވެ. އެކަމަކު ފިލްމުގެ ފަހުކޮޅަށް ދިޔައިރު އަދި ޖުމްލަކޮށް މޭކަޕް ވަރަށް ރަނގަޅެވެ.
ފިލްމުގައި މީހުން މަދު ކަމަކީވެސް ފާހަގަކުރެވުނު ކަމެކެވެ. ސަޕޯޓިން ކެރެކްޓާސް ތަކާއެކު މުޅި ފިލްމުން ފެނިގެން ދިޔައީ ހަތް ވަރަކަށް މީހުންނެވެ. ރަށުތެރެ ދައްކަމުން ދިޔަ އިރު މަގުމަތިން މީހަކު ހަމަ އެއްގޮތަކަށްވެސް ނުފެނެ އޭ ބުނެވިދާނެ އެވެ.
ފިލްމުގައި އައިންތު ބަލިވެ އިނދެ ތިން މަހަށްވުރެ ގިނަ ދުވަސްވާއިރުވެސް ބަނޑުން އެކަން ނޭނގެ އެވެ. މާބަނޑު މީހެއްގެ ކިބައިން ފެންނަ އެއްވެސް ސިފައެެއް އޭނާގެ ކިބައިން ނުފެނެ އެވެ.
ފިލްމުގެ ޑައިލޮގްތައް ވަރަށްވެސް ފޫއްސެވެ. މުޅިންވެސް ހަމަ "ފިލްމީ" ޑައިލޮގްތަކެވެ. އާންމުކޮށް މި ވާހަކަ ދައްކާގޮތަށް މަދު ދެތިން ބަހެއް ބުނެފައިވެ އެވެ.
ރަނގަޅު ކަންތައްތަކެއް ހުރި
ކުރިންވެސް ބުނިހެން ފިލްމުގެ މޭކަޕް އަދި ހެދުން އޯވަރޯލްކޮށް ރަނގަޅެވެ. ރީތި ޑްރޯން ޝޮޓްތައްވެސް ފެނިގެންދެ އެވެ. ބޭކާރު ޝޮޓްތަކެއްވެސް ފެނިގެންދިޔަ އެވެ. އަދި ބައެއް މަންޒަރުތަކުގައި ދެ ޝޮޓް ދެމެދު އެއްވެސް ގުޅުމެއް ވެސް ނެތެވެ. ލަވަތައްވެސް ވަރަށް ފުރިހަމަ އެވެ. އެކަމަކު ޖުމްލަ ގޮތެއްގައި ރަނގަޅަށްވުރެ ގިނައީ ރަނގަޅުކުރަން ޖެހޭ ކަންތައްތަކެވެ.