ހަބަރު

ބޯކޮށް ވާރޭވެހި، އުދަ އަރައިފާނެ: މެޓް

މިހާރު ރާއްޖެއަށް ކުރާ ވިއްސާރަގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި، އުދަ އަރާފާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެގޮތުން މިއަދު 9:00 އަކުން ފެށިގެން 12:00 އަށް ހުރިހާ ސަރަހައްދަކަށް ވައިޓު އެލާޓު ނެރެފައިވާ ކަމަށެވެ. އަދި ޔެލޯ އެލާޓަށް ބަދަލުވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް މިއަދު އުދައަރާފާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

"ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭނެ. ރާޅުތައް ބޮޑުވާނެ އަދި ވައިގަދަވެގެންދާއިރު ދިޔަވަރު ބޮޑުވާ ގަޑިޔަށް އުދައަރާފާނެ ކަމަށް ވެސް ލަފާ ކުރެވޭ. ބޮޑަށް ދެކުނުގެ އަތޮޅުތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވެނީ،" މެޓް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މިއަދު ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއިރަކު 13 މޭލާއި 23 މޭލު ދެމެދު ކަމަށާއި އަދި ވިލާގަނޑާއި ގުޅިގެން 40 މޭލާއި 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.