ހައިކޯޓް

މީރާގެ ފިޔަވަޅެއް ތަންފީޒުކުރުން ފިޔަވައި ޓެކްހާގުޅޭ ކަމެއްގައި ސިވިލް ކޯޓްގެ ދައުރެއް ނެތް: ހައިކޯޓް

May 11, 2016

ޓެކްސްއާ ގުޅިގެން މީރާއިން އަޅާ ފިޔަވަޅެއް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ފިޔަވައި ޓެކްސް ނުދެއްކުމާ ގުޅުން ހުރި އެހެން ކަމެއްގައި، ސިވިލް ކޯޓަށް ޝަރިއަތްތައް ނުހިންގޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ވިތްހޯލްޑިން ޓެކްސް ދެއްކުމަށް މީޑިއާނެޓުން ދެކޮޅު ހެދުމުން މީރާއިން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ އެއްކޮޅަށް ނިމުމުން މީރާ އިން ހައިކޯޓްގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، މީރާއިން ނިންމި ނިންމުމާމެދު އިއުތިރާޒު ކުރާނަމަ އެ ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި މީރާއަށް އެ ކަން އަންގަންޖެހޭނެ ކަމަށާއި، އެ ގޮތުން އަންގާ އެންގުމާ ގުޅިގެން މީރާއިން ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ 30 ދުވަހުގެ ތެރޭގައި އެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރުމުގެ ހައްގު ޓެކްސް ދައްކާ ފަރާތަށް އޮންނަކަން ގާނޫނުން ސާފު ކޮށް އެނގޭ ކަމަށެވެ.

މި މަރުހަލާތައް ފުރިހަމަ ނުކޮށް މީރާގެ އެ ނިންމުމަކީ ޓެކްސް ދައްކާ ފަރާތަށް ވެސް ގަބޫލުކުރެވޭ ނިހާއީ ނިންމުމެއް ކަމަށް ގާނޫނީ ގޮތުން ބެލެވޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ. އަދި އެއިން މަރުހަލާއަކަށް ޢަމަލު ނުކުރުމާ ގުޅިގެން މީރާއިން އެ ނިންމުން ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގައި އެ މައްސަލައިގެ މައުޟޫއާމެދު ވާހަކަ ދެކެވި ގޮތްތަކެއް ކަނޑައެޅިގެން ދިއުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ރޫހާއި، މީރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާމެދު ސުވާލު އުފެދޭ، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަގުސަދާއި ބޭނުން ނެތިދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"އެހެންކަމުން އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފިޔަވައި ސިވިލް ކޯޓުގައި އިތުރު ޝަރީޢަތުގެ މަޖިލިސްތަކެއް ބޭއްވުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫނެވެ،" ހުކުމުގައިވެ އެވެ.

މީޑިއާ ނެޓުން ދައްކަން ޖެހޭ ވިތްހޯލްޑިން ޓެކްސް ނުދެއްކުމުން މީރާ އިން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ވެއްދުމުން މީޑިއާ ނެޓުން ވަނީ އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ކޯޓުގައި ބުނެފަ އެވެ. އެހެން ނަމަވެސް މީރާގެ އެ ނިންމުން މީޑިއާނެޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައެއް ނުވެ އެވެ. މީރާ އިން ހައިކޯޓަށް މައްސަލަ ވެއްދީ، އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުންނެވެ.