އެމްޑަބްލިއުއެސްސީ

ފަސް ރަށުގެ ނަރުދަމާ، ހަތަރު ރަށެއްގެ ފެންވިއުގަ އަޅަން ފެންކުންފުންޏަށް

ފަސް ރަށެއްގެ ނަރުދަމާއާއި ހަތަރު ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރަން 312 މިލިއަން ރުފިޔާގެ މަޝްރޫއެއް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އާ ހަވާލުކޮށްފި އެވެ. މި މަސައްކަތައް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނާއި އިންޓަނޭޝަނަލް ފަންޑިން އެޖަންސީއެއް ކަމަށްވާ އޯޕެކް ފަނޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯންގެ އެހީގެ ދަށުންނެވެ.

މި މަޝްރޫއުގައި ބ. ތުޅާދޫ އާއި ރ ހުޅުދުއްފާރާއި ނ. ވެލިދޫ އަދި ގއ. ކޮލަމާފުށީގެ ފެނާއި ނަރުދަމާ ނިޒާމް އަދި ގދ. ގައްދޫގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން މި ރަށްތަކަށް ބޭނުންވާ ފެނުގެ ވިއުގަ ގާއިމް ކުރުމާއި ފެން ޕްލާންޓް ބެހެއްޓުމާއި ފެންތާނގީ ބެހެއްޓުމުގެ އިތުރުން ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ބަހައްޓާނެ އެވެ އަދި އެ މަސައްކަތްކޮށް ނިންމަން ހަމަޖެހިފައި ވަނީ 540 ދުވަސް ތެރޭގައެވެ.

މިއަދު ޗަމްޕާ ސެންޓްރަލްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މި ފަސް ރަށުގެ ނަރުދަމާއާއި ހަތަރު ރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށް އިންޓަނޭޝަނަލް އެޖެންސީއެއްގެ ފަންޑިން ހޯދުމަށް މިނިސްޓްރީ އިން ބުރަ މަސައްކަތެއް ކޮށްފައިވާނެ ކަމަށާއި އާމުގޮތެއްގައި ޓެންޑަރިން މަސައްކަތް ކުރިޔަށްދާ ވަރަށް ވުރެއް ގިނަ ދުވަސްތަކެއް އެ މަސައްކަތަށް ދިޔަ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަށް ޓެންޑާ ޑިޒައިން ކުރާނެ ފަރާތެއް ހޯދުންވެސް ވީ ވަރަށް ދިގު މަރަހަލާއަކަށް. އާންމުކޮށް މި ކުރާ މަސައްކަތައް ވުރެ ދިގު ދެމިގެން ދިޔަ މިކަން ހަމަ ޖައްސަން. ނަމަވެސް ރައްޔިތުންނާއި މެންބަރުން ކެއްތެރިވެ ތިބީތީ ވަރަށް ބޮޑާށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަށް މިމަސައްކަތް ނިމޭނެ ކަމަށް އުންމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފަސް ރަށުގެ ނަރުދަމާއާއި ހަތަރު ރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީ ފަރާތުން މިނިސްޓަރު ތޯރިގު ސޮއި ކުރެއްވި އިރު އެމްޑަބްލިއުއެސްއީ ފަރާޓުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.