ހަބަރު

"ޒީޝާން" މަސްމިރުހާއި "މިސްޓާ ބްރެޑް" ކައިގެން ބައްޔެއް ޖެހިދާނެ: އެމްއެފްޑީއޭ

"ޒީޝާން" ބްރޭންޑުގެ މަސް މިރުހާއި "މިސްޓަ ބްރެޑް" ބްރޭންޑުގެ ބޭކަރީ އުފެއްދުން ބޭނުން ކުރުމުން ސިއްހަތަށް ނޭދެވޭ އަސަރުކޮށް ބައްޔެއް ފެތުރިދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންޒާރުކޮށް، އެ ދެ ބާވަތް ވިއްކުން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ޒީޝާން މަސް މިރުހާއި މިސްޓަ ބްރެޑްގެ ބާވަތްތަކަކީ ކަމާބެހޭ އިދާރާތަކުން ހުއްދަ ނުހޯދައި ގަވައިދާ ހިލާފަށް ވިއްކަމުންދާ ކާބޯތަކެތި ކަމަށާއި އެ ތަކެތި އުފައްދަނީ ސާފުތާހިރުކަން ކުޑަ، ކާބޯތަކެތި އުފައްދަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"...އެހެން ކަމުން މި ކާބޯތަކެތި ބޭނުން ކުރުމަކީ އޭގެ ސަބަބުން އާމު ސިއްހަތައް ނޭދެވޭ އަސަރު ކުރުވާ އަދި ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބަ އޮތް،" އެބަޔާނުގައި ބުނެފައި ވެއެވެ.

އެ އޮތޯރިޓީ އިން ބުނީ ޒީޝާން މަސް މިރުހާއި މިސްޓަ ބްރެޑް ބްރޭންޑުގެ ބޭކަރީ އުފެއްދުން ވިއްކުމަކީ މަނާކަމެއް ކަމަށާއި އަދި އެފަދަ ތަކެތި ބޭނުން ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.