ހަބަރު

ދިޔަވަމުންދިޔަ މުދާ އުފުލައި ދޯންޏެއް ސަލާމަތްކޮށްފި

ދިޔަވަމުންދިޔަ މުދާ އުފުލައި ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނީ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން އިންނެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ގާތްގަނޑަކަށް 11:45 ހާއިރު "އެސްއެމް ސަޕްލައި" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާކަމުގެ މައުލޫމާތު ލިބުމާއެކު އެހީތެރިކަން ފޯރުކޮށްދޭން ފަށާފަވާ ކަމަށެވެ. އެގޮތުން އެ ދޯނި އޮތް ސަރަހަދަށް ގޮސް ޕަމްޕު ޖަހައިގެން ދިޔަގަނޑު ހިއްކައި ކަފު ޖަހައިގެން ފެލިވަރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނި އޮތީ ޅ. އޮޅުވެލިފުށީގެ ހުޅަނގު ދެކުނުން 10 މޭލު ބޭރުގައި ކަމަށާއި އެ ދޯނީގައި ޖުމްލަ ހަތް މީހުން ތިބި އިރު ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.