ރިޕޯޓް

ސަމާލުވޭ! ހުރިހާ އަތޮޅެއްގައި ޑެންގީ ހުމުގެ ނުރައްކާ

ޑެންގީ ހުން ޖެހިގެން ހަތް މަހުގެ ކުއްޖަކު މަރުވެއްޖެ! ޑެންގީ ހުމާ ބެހޭގޮތުން އިއްޔެ ލިބުނު ހަބަރަކީ މިއީ އެވެ. އޭގެ ކުރީ ދުވަހުވެސް ޑެންގީ ޖެހިގެން އަންހެނަކު ވަނީ މަރުވެފައެވެ. ނުރައްކާތެރި މިބަލި އަނެއްކާވެސް މިވަނީ ރާއްޖޭގައި ފެތުރެން ފަށާފަ އެވެ. މިއީ ކޮންމެ އަހަރެއްގެވެސް ދެ މޫސުން ގުޅޭ ދުވަސްވަރު ނުވަތަ މެއި، ޖޫން އިން ފެށިގެން އޮގަސްޓު ކުރީ ކޮޅުގެ ނިޔަލަށް ރާއްޖޭގައި ބާރަށް ފެތުރޭ ބައްޔެކެވެ.

ޑެންގީ ހުންޖެހެނީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުންނެވެ. މި ބަލި ފެތުރެނީ އީޑީސް އިޖިޕްޓައި މަދިރިންނެވެ. މިބާވަތުގެ އަންހެން މަދިރިންނެވެ. މި ބަލި ފަތުރަން ޑެންގީ ވައިރަސް ނުވަތަ ޖަރާސީމު ހުރި މީހެއްގެ ގައިގައި މަދިރި ހެފުމަށްފަހު އެހެން މީހެއްގެ ގައިގައި އެ މަދިރި ހެފުމުން މި ބަލި ފެތުރެން މެދުވެރިވެ އެވެ. އާންމުގޮތެއްގައި އީޑީސް މަދިރި ހަފަނީ ދުވާލުގެ ވަގުތުތަކުގަ އެވެ. ހާއްސަކޮށް ހެނދުނާއި ހަވީރުގެ ވަގުތުތަކުގަ އެވެ. ގާތްގަޑަކަށް 100 މީޓަރަށް މިމަދިރި އުދުހެ އެވެ.

ޑެންގީ ހުމުގެ ކޭސްއެއް ފުރަަތަމަ ފަހަރަށް ރާއްޖޭގައި ރިޕޯޓުކޮށްފައިވަނީ 1980 ވަނަ އަހަރެވެ.

އަލާމަތްތައް

މިބަލީގެ އަލާމާތްތައް އާދައިގެ ވައިރަލް ފީވާގެ އަލާމާތްތަކާއި މާ ބޮޑު ތަފާތެއް ނުހުންނާނެ އެވެ. އެކަމަކު ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތަކާއި ބޮޑެތި މީހުންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތެވެ. މި ބަލީގެ އާންމު ބައެއް އަލާމާތްތަކުގެ ތެރޭގައި:

1. ގަދައަށް ހުންއައުން
2. ގައިގައި ބިހިނެގުމާއި، ކަހާ ހިރުވުން
3. ހިރުގަނޑުންނާއި ނޭފަތުން ލޭއައުން
4. އާދަޔާ ހިލާފަށް ބޮލުގަ އާއި ގައިގައި ރިއްސުން
5. ހުޅުހުޅުގަ އާއި މަސްތަކުގައި ރިއްސުން
6. މޭނުބައިކުރުން، ހޮޑުލުން
7. ކާހިތްނުވުން ހިމެނެ އެވެ.

ޑެންގީ ހުން އާންމުކޮށް އެންމެ ހަލުވިކޮށް ފެތުރެނީ ހޫނު ގަދަ ގައުމުތަކުގަ އެވެ.

ވަކި ހާއްސަ ފަރުވާއެއް ނެތް

ޑެންގީ ހުމަށް ވަކި ހާއްސަ ފަރުވާއެއް ނެތް ކަަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އެހެން ނަމަވެސް ހަށިގަނޑުން ފެން މަދުވިނަ ނުދޭން ގިނައިން ދިޔާ ތަކެތި ބޭނުންކުރަން ޖެހެ އެވެ. ހަށިގަނޑުގައި ހޫނު ހިފެހެއްޓިފައި ހުންނަ ތަންތަން މިސާލަކަށް އުކުޅުވަޅު، ކިހިލިފަތްދޮށް، ކަރުދަށް، އަދި މޭމަތީގައި ފެންފޮތި އުނގުޅުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ދިމާވާ އެހެން ކަންތައްތަކަށް ވެސް ފަރުވާނުކޮށް ފަރުވާކުޑަކޮށްފިނަމަ ފުރާނައަށް ނުރައްކާ ވެދާނެ އެވެ.

މި ބަލީގެ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހެ އެވެ. ޑޮކްޓަރެއްގެ އިރުޝާދާ ނުލާ އެއްވެސް ބޭހެއް ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ. އަދި މި ބަލި ޖެހިފައި ތިބޭ ކުދިން ގެއިން ބޭރަށް ނުނެރުމާއި މީހުން ގިނަ ތަންތަނަށް ނުގެންދިއުމަކީ މުހިންމު ކަމެކެވެ. އަދި މި ބަލިން ރައްކާތެރިވާން ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށް ހަދަން ޖެހެ އެވެ.

މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ނަމަވެސް ބަލިން ރައްކާތެރިވާން ކަންތައްތަކެއް ކުރަން ޖެހެ އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

1. ޑެންގީ ފަތުރާ މަދިރި ނައްތާލުން އަދި މަދިރި އާލާވާ ތަންތަން ނައްތާލުން، މި މަދިރި އާންމުކޮށް އާލާވަނީ ފެން އުފެދޭ ގޮތަށް ހުންނަ، ދަޅު، ނާށި، ޓަޔަރު، ދިޔަދޮވި އަދި ފެންތާނގީ ފަދަ އޮއެ ދެމޭ ތަންތަނަށް ބިސް އަޅައިގެން.
2. މަދިރި ނުހަފާ ގިތަށް ބޮޑަށް ހަށީގަނޑު ނިވާވާހެން ހެދުން އަޅަން ސަމާލުކަން ދޭން ޖެހޭ.
3. މަދިރި ހެފުމުން ރައްކާތެރި ކޮށްދޭ ލޯޝަނާއި، ސްޕެރޭ އަދި ކޮއިލްފަދަ ތަކެތި ބޭނުންކުރުން.

ހެލްތުން ބުނީ މަދިރި އާލާވިޔަ ނުދީ ނައްތާލަން ފޮގްކުރުމަކީ ހައްލެެއް ނޫން ކަމަށާއި އަބަދު ފޮގް ކުރަން ވެއްޖެނަމަ މަދިރި އެއަށް ހޭނޭނެ ކަމަށެވެ.

އަހަރުގެ މިހާތަނަށް 464 ކޭސް، 2 މަރު

ޑެންގީ ހުން ރާއްޖޭގެ ހުރިހާ ހިސާބަކަށް މިހާރުވަނީ ފެތުރިފަ އެވެ. ޑެންގީ އެންމެ ބޮޑަށް ފެތުރޭ ކަމަށް ރިޕޯޓުކޮށްފައިވަނީ ކ. ކާށިދޫ އަދި ހއ. އިހަވަންދޫ އިންނެވެ. އަދި މާލެ އާއި ހުޅުމާލެއިން ވެސް ޑެންގީ ކޭސްތައް ރިޕޯޓުކުރާ މިންވަރު ނިސްބަތުން ގިނަ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިއަހަރުގެ މިހާތަނަށް 464 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވާ އިރު ކޭސްތަކުގެ 67 ޕަސެންޓު ކޭސް ރިޕޯޓުކޮށްފައިވަނީ އަތޮޅުތަކުގެ ތެރޭން ކަމަށް ހެލްތުން ބުނެ އެވެ. އޭގެ ތެރޭގައި އެ ހުމުގެ އެންމެ ސީރިއަސް ވައްތަރު، ޑެންގީ ހެމަރިޖިކް ފީވާގެ ކޭސްތައް ވަރަށް ވެސް މަދު ކަމަށެވެ.

މިބަލީގައި މިހާތަނަށް ދެ މީހުން މަރުވި އިރު އެކަކީ ގދ. ފަރެސް މާތޮޑާ އަންހެނެކެވެ. އަދި އަނެއް މީހާ އަކީ ހަތް މަހުގެ ތުއްތު ކުއްޖެކެވެ.

ޑެންގީ ގެ ނުރައްކާތެރި ވައްތަރަކީ ޑެންގީ ހެމޮރޭޖިކް އެވެ. މި ހުމަކީ އެހުން ޖެހުމުން ލޭ ނާރު ފަޅައިގެންދާ ވަރަށް ހަށިގަނޑުގައި ލޭ އުފައްދަ އެވެ. އެހެން ވުމުގެ ސަބަބުން ލޭނާރުތައް ފަޅައިގެންގޮސް ހަށިގަނޑުގެ އެކި އެކި ގުނަވަންތަކުން ލޭ އަައިސް ޝޮކް ޖެހެން މެދުވެރިވެ އެވެ. ޑެންގީ ހެމަރިޖިކް ފީވާ އަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. އަވަހަށް ފަރުވާ ނުލިބިއްޖެނަމަ މި ބަލީގައި ނިމި ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ.

މިދިޔަ އަހަރު ޑެންގީގެ 900 އަށްވުރެ ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖަކާއި، މާބަނޑު އަންހެނެއްގެ އިތުރުން ބިދޭސީ އެއް ހިމެނެ އެވެ. ޑެންގީހުން ޖެހިގެން 2014 ވަނަ އަހަރު ރިކޯޑް ކޮށްފައި ވަނީ ޖުމްލަ 775 ކޭސްއެވެ. ޑެންގީގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވެފައިވަނީ 2011 ވަނަ އަހަރެވެ. އެއަހަރު މި ހުމުގައި 12 މީހަކު ވަނީ މަރުވެފަ އެވެ.