އެޗްޕީއޭ

ރޯގާ ޖެހޭ މިންވަރު އިތުރުވެއްޖެ

އަރިދަފުސް ރޯގާ ޖެހިގެންނާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދު މިއަހަރުގެ ޖެނުއަރީ މަހަށްވުރެ ފެބްރުއަރީ މަހު އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނީ 29،307 ކޭސް އެވެ. ނަމަވެސް ފެބްރުއަރީ މަހު 30،628 ކޭސް ރިޕޯޓް ކުރެވުނެވެ.

ބޭރަށް ހިންގައިގެން ޖެނުއަރީ މަހު ރިޕޯޓްކުރީ 3،502 ކޭސް އެވެ. ފެބްރުއަރީ މަހު އެ އަދަދު ވަނީ 4،357 އަށް އިތުރުވެފަ އެވެ.

ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވުނު އަދަދު ވަނީ މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަޅާއިރު ފެބްރުއަރީ މަހު ދަށްވެފަ އެވެ. ޖެނުއަރީ މަހު ޑެންގީގެ 198 ކޭސް ރިޕޯޓްކުރެވުނުއިރު ފެބްރުއަރީ މަހު ރިޕޯޓްކުރެވުނީ 145 ކޭސް އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިދިޔަ މަހު ލޮލުރޯގާ އާއި ފާނަބަސަންދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް ވައިރަލް ހުމާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުވެފައިނުވެ އެވެ. މި ބަލިތައް ޖެހިގެން ރިޕޯޓްކުރެވުނު އަދަދު އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.

ޑެންގީ އިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަރިދަފުސް ރޯގާ އާއި ކޮވިޑް ފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާ ސައިބޯނި ލައިގެން އަތްދޮވުމާއި ކެއްސާ ކިނބިހިއަޅާއިރު އަނގަމަތި ނިވާކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވެ އެވެ.