އެޗްޕީއޭ

މިދިޔަ މަހު އަރިދަފުސް ރޯގާގެ 29،307 ކޭސް

Feb 14, 2023

އަރިދަފުސް ރޯގާގެ 29،307 ކޭސް މިދިޔަ މަހު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރާއި 2019 އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހަށްވުރެ މިއަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާ ރިޕޯޓް ކުރެވުނު އަދަދު ވަނި އިތުރުވެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު އެހެން ބަލިތައް ޖެހިފައިވާ މިންވަރު އަދި ރިޕޯޓް ކުރެވުނު މިންވަރު މަދުވުމުގެ ސަބަބުން އެ އަހަރުތަކުގެ ތަފާސްހިސާބު އެޗްޕީއޭ އިން ހާމައެއް ނުކުރެ އެވެ.

ޑެންގީ ހުން ޖެހިގެން މިއަހަރުގެ ޖެނުއަރީ މަހު 195 މީހަކު ވަނީ ފަރުވާ ހޯދާފަ އެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އަރިދަފުސް ރޯގާ އަދި ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ވައިރަލް ހުމުގެ 8،219 ކޭސް މިއަހަރުގެ ޖެނުއަރީ މަހު ރިޕޯޓްކުރެވުނު އިރު ބޭރަށް ހިންގައިގެން 3،502 މީހުން މިއަހަރުގެ ޖެނުއަރީ މަހު ފަރުވާ ހޯދި އެވެ.