ވިޔަފާރި

ޓެކްސް ދައްކާ ތާރީހުތަކަށް އައި ބަދަލާ އެކު އާމްދަނީ ދަށަށް!

May 12, 2016

ޓެކްސް ދައްކާ ތާރީހުތަކަށް އައި ބަދަލުތަކާ އެކު، މިދިޔަ މަހު ދައުލަތައް ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ އާމްދަނީ .19.9 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ލިބިފައިވަނީ 887.3 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ކުރިން ލަފާކުރި އާމްދަނީއަށްވުރެ 19.9 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އާމްދަނީ ވަނީ 5.6 ޕަސެންޓް ދަށްވެފަ އެވެ.

މީރާ އިން ބުނީ އާމްދަނީ ލަފާކުރި ވަރަށް ނުލިބި، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އާމްދަނީ ދަށަށް ދިޔައީ ޓީޖީއެސްޓީ އާއި ބީޕީޓީ ދައްކަން ޖެހޭ މުއްދަތު މޭ މަހަށް ބަދަލުކޮށްފައިވާތީ އަދި ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރަން ނަގާ ފީ ފެބުރުއަރީ މަހު ނަގާފައިވާތީ ކަމަށެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 607.8 މިލިއަން ރުފިޔާ އެވެ. އަދި ބީޕީޓީގެ ގޮތުގައި 71 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވަނީ 54.8 މިލިއަން ރުފިޔާ އެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 35.9 މިލިއަން ޑޮލަރެވެ.