އެޗްޕީއޭ

މިސްޓަބްރެޑް ރަޖިސްޓްރީވެސް ނުކުރޭ، އެހާ މުޑުދާރު: އެޗްޕީއޭ

މިސްޓަ ބްރެޑްސްގެ އުފެއްދުންތައް މަނާކުރީ މޮނިޓާ ކުރުމަށްފަހު އާންމު ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ބުނެފިއެވެ.

އެމްއެފްޑީ އާއި އެޗްޕީއޭއިން އެހެން ބުނި ނަމަވެސް މިސްޓަ ބްރެޑްޒް އިން ވަނީ ތަނުގެ ސާފުތާހިރުކަން ކުޑަކަމަށް އެމްއެފްޑީއޭއިން ބުނާ ބުނުމަށް އިންކާރުކޮށްފައެވެ. އަދި ޕްރޮޑަކްޓް މަނާކުރީ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ކަމަށް ބުނެފައި އޮތްނަމަވެސް އެފަދަ މައްސަލައެއް އެމްއެފްޑީއޭ އާއި އެ ކުންފުންޏާ ދެމެދު ނުޖެހޭ ކަމަށާއި ޕްރޮޑަކްޓް މަނާކުރާ ވާހަކަ މީގެ ކުރިން އެ ކުންފުންޏަށް އަންގާފައި ވެސް ނުވާކަމަށް ވެސް ބުންޏެވެ. އިތުރަށް ބުނީ އެއީ އެމްއެފްޑީއޭގެ ހުއްދައާއެކު ގަވާއިދުތަކާއި މިންގަނޑުތަކުގެ ތެރޭގައި ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެހެން ނަމަވެސް މިއަދު އެޗްޕީއޭއިން ބުނީ އެތަން ބަންދުކުރީ "އެތަން މުޑުދާރު ކަމުން" ކަމަށެވެ.

"ވަރަށް ވަރަށް ހަޑި އެތަން، އެތާގައި ތަޅުންގަނޑު މަތީގައި ތިބެގެން އެތާގައި މަސައްކަތް ކޮށް، ވަރަށް ހައިޖީން ދަށް. އެމްއެފްޑީއޭ އިން އެތަން ވަރަށް ރަނގަޅަށް ޗެކް ކޮށްފައި ބަޔާން ނެރުނީވެސް" އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. އެ އޮފިޝަލް ވިދާޅުވީ ބޭކަރީއެއްގެ ނަމުގައި މިސްޓަ ބްރެޑްޒް އެތަނުގައި ރަޖިސްޓްރީކޮށްފައި ވެސް ނުވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ މިސްޓަ ބްރެޑްޒް ހިންގަނީ އެޗްޕީއޭގައި ރަޖިސްޓްރީ ނުކޮށް ކަމަށް ވާތީ އެތަން ނުހިންގަން މިދިޔަ އަހަރު އަންގާފައިވާ ކަމަށެވެ.

އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު ވިދާޅުވީ ގަވާއިދާ ހިލާފަށް ހުއްދަ ނުހޯދާ މިސްޓަ ބްރެޑްޒް ހިންގަމުންދާތީ އެތަން ގަވާއިދުން މޮނިޓާ ނުކުރެވޭ ކަމަށެވެ. މީގެ އިތުރުންވެސް ޕްރޮޑަކްޓް ލޭބަލިންގެ މައްސަލަތައްވެސް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެތަން ބަންދުކުރީ ޝަކުވާ ހުށަހެޅުމުން އެތަނަށް ގޮސް އެތަން ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އަޅުގަނޑުމެން ބެލި ބެލުމުގައި އެނގުނީ 2015 އިން ފެށިގެން އެބޭފުޅުންގެ ނެތް ހުއްދައެއް އެމަސައްކަތް ކުރުމުގެ. އެހެންވީމަ އެއްވެސް ވަރަކަށް ރެގިއުލޭޓް ނުކުރެވި މި މަސައްކަތް ކުރަމުން މިއަންނަނީ. އަންގާފައި މި އޮތީ އެބޭފުޅުންނަށް 2015 އިން ފެށިގެން ތި މަސައްކަތް ނުކުރުމަށް އެޗްޕީއޭ އިން. ތަން ބަދަލުވި ފަހުން އެބޭފުޅުންގެ ހުއްދައެއް ނެތް ކަމަށްވަނީ،"

"އެތަނަށް ހުއްދަ ނުދީ އޮއްވަ އެމަސައްކަތް ކުރީމަ ވާ ގޮތަކީ އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް އެތަނުގެ ސާފުތާހިރު ކަމެއް ނުބެލެހެއްޓޭނެ. ކޮންމެ ހަ މަހަކުން އެޗްޕީއޭ އިން އިންސްޕެކްޓް ކުރާނެ. އެކަމަކު އިންސްޕެކްޓް ނުކުރާ ތަނެއްގައި އަޅުގަނޑުމެންނަށް އެތަނުގެ ތެރޭގައި ހިނގާ ކަންތައްތައް ޔަގީނެއް ނުކުރެވޭނެ" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ ބޭކަރީ ފަދަ ތަންތަން ބަންދުކުރާއިރު އާންމުކޮށް އެކަން އެތަނަކަށް އަންގާ ކަމަށާއި، ނަމަވެސް މި އުފެއްދުމަކީ ގިނަ ދުވަސްތަކެއް ވަންދެން މާކެޓުގައ ދައުރުވާ ޕްރޮޑަކްޓަކަށްވާތީ އެ ޕްރޮޑަކްޓް ރީކޯލް ކުރުމުގެ ބޭނުމުގައި ކަމަށެވެ.