ހަބަރު

ނަޑެއްލާ ވިލުތެރެ ކޯމަހުން ފުރިފައި!

ރާއްޖޭގެ އެކި ހިސާބުތަކުން މި ދުވަސްވަރު ފެންނަނީ ކިނބުލެވެ. އެކަމަކު ގދ.ނަޑެއްލާ ވިލުތެރެ އިއްޔެ ފުރުނީ އެކި ސައިޒުގެ ކޯމަހުންނެވެ. ލަފާކުރެވޭ ގޮތުން 100 ވަރަކަށް ކޯމަސް އުޅޭނެ އެވެ.

"ސިފައިންގެ ދެ އުޅަނދަކާއި މި ރަށު ޒުވާނުން ވެސް ދެ ޑިންގީއެއްގައި މިހާރު އެ ދަނީ އެ އެއްޗެހިތައް ސަލާމަތް ކުރަމުން،" ރަށު ކައުންސިލްގެ ރައީސް ފައިސަލް ނަޖީބް "އަވަސް" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލުގެ އެކި ހިސާބުގައި ކޯމަސްތައް އެބަ އުޅޭ ކަމަށާއި އުޅެނީ ކިތައް މަސް ކަމެއް ސީދާ ބުނަން އެނގިވަޑައިނުގަންނަަވާ ކަމަށެވެ. ކޯމަސްތައް ބަންދުވެފައި ވަނީ ފަރު ހުރަސްކޮށް ވިލު ތެރެއަށް ވަދެވިފައި ތިބުމުން ކަމަށެވެ. ކޯމަސްތައް ސަލާމަތް ނުކުރެވި ގިނައިރު ވެގެން ހަތަރު މަހެއް މަރުވެފައި ވާއިރު މިހާތަނަށް ސަލާމަތް ކުރެވުނީ ތިން މަސް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މި ހަދާ ގޮތަކީ އެ އެއްޗިއްސަށް އަނިޔާ ނުވާ ގޮތަށްބަލައިގެން ނަގައި ޑިންގީ އަށް ލައިގެން ގެންދަނީ. އަދި ސަލާމަތް ކުރެވުނީ ތިން މަސް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ތާށިވެފައި ވަނީ ވަރަށް ބޮޑެތި މަސްތަކެކެވެ. ބައެއް މަސްތަކުގައި އަށް ފޫޓް ހުރި ކަަމަށް އޭނާ ވިދާޅުވި އެވެ.