ހަބަރު

މުސްކުޅިކުރެއްވި ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް ރިހި މުގުރެއް!

މުސްކުޅިކުރެއްވި ފަނޑިޔާރަކު ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ޝަރުއީ ދާއިރާ އިން ރިހި މުގުރެއް ފުރަތަމަ ފަހަރަށް ގާޒީ އަކަށް އަރުވައިފި އެވެ.

ފަނޑިޔާރުންގެ މަހާސިންތާ ނިންމުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިހި މުގުރެއް ދެއްވީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒް އިބްރާހިމް ޝަރީފަށެވެ. ޝަރުއީ ނިޒާމުގައި 40 އަހަރު ހިދުމަތް ކުރެއްވި ޝަރީފު މިއަދުން ފެށިގެން މަގާމުން ރިޓަޔާ ކުރައްވާނެ އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ އަލްއުސްތާޒް އިބްރާހިމް ޝަރީފްގެ ހިދުމަތް ފާހަގަކުރައްވައި އޭނާގެ ހިދުމަތަށް ތައުރީފް ކުރައްވާފަ އެވެ.

މީގެ ކުރިން މިފަދަ ލަގަބެއް ދީފައި ވަނީ، ޖޭއެސްސީގެ ރައީސްކަން ކުރެއްވި، މުޖުތާޒު ފަހުމީއަށެވެ. އޭނާ އަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވަނީ ޖަސްޓިސް ރިޓަޔާޑްގެ ލަގަބު އަރުވައިފަ އެވެ.

މި ރަސްމިއްޔާތުގައި ޝަރުއީ ދާއިރާގެ ތަފާސް ހިސާބު ފޮތް ވެސް ނެރުއްވި އެވެ. ފޮތް ނެރުއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދެން ޝާއިރުކުރާ ޝަރުއީ ދާއިރާގެ މި އަހަރުން ފެށިގެން ޝަރުއީ ދާއިރާއިން ހާމަކުރާ ތަފާސް ހިސާބުގައި އިންސާނީ ވަގުފާރީގެ މައުލޫމާތު ވެސް ހިމެނިގެން ދާނެ ކަމަށެވެ. އަދި އިންސާނީ ވަގުފާރިއާ ގުޅޭ ގޮތުން ބާއްވާ ޝަރުއީ ދާއިރާގެ ފުރަތަމަ ކޮލޯކިއަމަށްފަހު މި މައްސަލައާމެދު ޝަރުއީ ދާއިރާއިން ދެކޭ ގޮތާއި ޝަރުއީ ދާއިރާއިން މި މައްސަލައާމެދު ފިޔަވަޅު އަޅާނެ ގޮތް ވެސް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.

ޖުޑިޝަލް އަހަރު 2016 ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ފަންޑިޔާރުންގެ މަހާސިންތާ މިއަދު ނިންމާލާފައިވާއިރު ޖުޑީޝަލް އަހަރު ފާހަގަކުރުމަށް މީގެއިތުރުން ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ފަނޑިޔާރުންގެ މެދުގައި މަޝްވަރާއި ތަޖުރިބާ ހިއްސާކުރުމުގެ ހަރަކާތްތަކާއި އިންސާނީ ވަގުފާރިއާ ގުޅުންހުރި ކަންތައްތަކާމެދު ޝަރުއީ ދާއިރާއިން އަމަލުކުރާނެ އެއް ގޮތް އުސޫލުތަކެއް އެކަށަ އެޅުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.