ހަބަރު

އިބްތިހާލްގެ މަރުގެ މައްސަލާގައި ޖެންޑާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ވ.ރަކީދޫގައި ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވި މައްސަލާގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އިބްތިހާލްގެ މަރުގެ މައްސަލަ ބަލަން ފެށި ހިސާބުން ސަސްޕެންޑްކޮށްފައި ވަނީ ވ.ފެލިދޫގައި ހިންގާ ފެމެލީ ޗިލްރެން ސާވިސް ސެންޓަރުުގެ މުވައްޒަފެއް ކަމަށެވެ.

"އެ މުވައްޒަފު ވަނީ މައްސަލަ ބަލަން ފެށި ހިސާބުން ސަސްޕެންޑްކޮށްފައި. އެއީ ވަކި މުއްދަތެއް ނެތި، މި މައްސަލަ ބަލަންދެން،" އޮފިޝަލް ވިދާޅުވި އެވެ.

ސަސްޕެންޑް ކޮށްފައި ވަނީ ފެލިދޫ ނަލަހިޔާ، އާމިނަތު ޝިޔާޒާ އެވެ.

މަންމަގެ ފަރާތުން ތަކުރާރުކޮށް އަނިޔާ ލިބެމުން ދިޔަ އިބްތިހާލްގެ މަރާ ގުޅިގެން މަންމަ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިބްތިހާލްގެ މަރުގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް އޮތްތޯ ބަލައި އެ ފަރާތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވެސް ވަނީ ވިދާޅުވެފަ އެވެ.