ހއ. ދިއްދޫ އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކުރާ ދަތުރުގައި ކުޅުނު ފުރަތަމަ މެޗުގައި ދިއްދޫ އިން ހޮވާލެވުނު ޓީމު އަތުން 4-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ދެވަނަ ހާފުގައި އެ ޓީމުގެ އަހުމަދު ނާޝިދު (ނާއްޓޭ) ދެ ލަނޑު ޖެހިއިރު، ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މި މެޗުގައި މާޒިޔާއާ އަލަށް ގުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު އުމެއިރު ވަނީ އެ ޓީމުގެ ފުރަތަމަ 11ގައި ކުޅެފަ އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު (ފުނަމާ ލަތީފު)ގެ ދައުވަތަކަށް ދިއްދޫ އަށް މާޒިޔާ އިން ކުރާ ދަތުރުގައި ދިއްދޫގައި ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދިއްދޫގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ހއ. އަތޮޅުން ހޮވާލެވޭ ޓީމާ ދެކޮޅަށެވެ. މި ދަތުރުގައި މާޒިޔާ އިން ހދ. ކުޅުދުއްފުއްޓާއި ހދ. ނޮޅިވަރަމަށް ވެސް ޒިޔާރަތްކޮށް، މެޗުތަކެއް ކުޅޭނެ އެވެ.
މި ދަތުރުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މި ދަތުރުގައި ހއ. އަތޮޅުގައި ތިބި ހުނަރުވެރި ކުޅުންތެރިން ފާހަގަވާނެ ކަމަށާއި ރަނގަޅު ކުޅުންތެރިންނަށް މާޒިޔާގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.
ސުޒޭން ބުނީ މި ޓުއާގެ ސަަބަބުން މާޒިޔާ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށާއި މި ދަތުރުގެ ސަަބަބުން މާޒިޔާގެ ޓީމު ރޫހާއި އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމަށެވެ.