އަބްދުލް ބާރީ ޔޫސުފް

ފަނޑިޔާރުންނާއި ފުލުހުން ކުރަނީ ގައުމީ ޖިހާދެއް: ގާޒީ ބާރީ

ފަނޑިޔާރުންނާއި ފުލުހުންނަކީ ގައުމީ ވާޖިބެއް އަދާކުރައްވާ ގައުމީ ޖިހާދެއް ކުރައްވާ ބައެއް ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފަނޑިޔާރުންގެ މަހާސިންތާގައި ފުލުހުންނާއެކު ބޭއްވި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ގާޒީ ބާރީ ވަނީ އަލި ރަސްގެފާނުގެ ވާހަކައިން އިބްރަތް ލިބިގަތުމަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. އަދި އަމާން ދިވެހިރާއްޖެ ގާއިމުކުރެވޭނީ އަލި ރަސްގެފާނު ނާމޫނާއަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އައްޔަކަސް އަނދިރިއަކަސް ވާނީ އެއްވަރޭ ވިދާޅުވެފައި އަލި ރަސްގެފާނަށް ވެސް ފިލާވަޑައިގެންނެވެން އޮތް، އެހެންނަމަވެސް އަޅުގަނޑުމެން މިކުރަނީ ގައުމީ ޖިހާދެއް، ގައުމަށްޓަކައި އަޅުގަނޑުމެން އެންމެން ތެދުވެ މިތިބީ، އަލި ރަސްގެފާނު ނަމޫނާއަކަށް ބަލައިގެން އަޅުގަނޑުމެން ހުރިހާ މީހުން ވެސް މަސައްކަތްކޮށްފިނަމަ އިރާދަކުރެއްވިޔާ ސީޕީ އެ ވިދާޅުވާފަދަ ރާއްޖެއެއް އަޅުގަނޑުމެންނަށް ފެންނާނެ،" ގާޒީ ބާރީ ވިދާޅުވި އެވެ.

މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވީ، ފުލުހުންނާއި ފަނޑިޔާރުންނަކީ ވަރަށް މާތް މަސައްކަތެއްކުރާ ބައެއް ކަމަށާއި ދެ ފަރާތަށް ދިމާވާ ދަތިތަކަކީ ހައްލުކުރަންޖެހޭނެ ކަންކަން ކަމަށެވެ. އަދި ފަނޑިޔާރުންނާއި ފުލުހުން މަސައްކަތްކުރަން ޖެހޭނީ ވަރަށް ގުޅިގެން ދިމާވާ ދަތިތައް ވެސް ހައްލުކޮށްގެން ކަމަށެވެ.

"އަސްލު ހައްލަކީ މީހުންނަށް ދައުވާކުރުމެއް ނޫން، ކުށް ނައްތާލުން ދެއްތޯ، އެހެންވީމާ ކުށް ނައްތާލުމަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތަށް ﷲ ކާމިޔާބު މިންވަރުކޮށްދެއްވާނެ، އެ މަގުސަދުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ، ބައެއް ރަށްރަށުގައި ކުށް އެއްގޮތަކަށް ވެސް ނެތް ކަމަަށާއި ނުވަތަ ވަރަށް މަދު ކަމަށެވެ. އެއީ ރައްޔިތުންނާއި ފުލުހުންކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.