ބޭރު ކުޅިވަރު

ލެވޮންޑޯސްކީ އަށް ޝަރަފެއް

ފާއިތުވެދިޔަ 39 އަހަރުގެ ތެރޭގައި ޖަރުމަނު ލީގުގައި 30 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށް ބަޔާން މިއުނިކްގެ ރޮބަޓް ލެވޮންޑޯސްކީ ވެއްޖެ އެވެ.

ޕޮލެންޑްގެ ގައުމީ ފޯވަޑް ވަނީ މި ސީޒަނުގައި ޖަރުމަނު ލީގުގައި 30 ގޯލު ޖެހިއިރު އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 42 ގޯލު ޖަހާފަ އެވެ. މީގެ ތެރޭގައި އެންމެ ނުވަ މިނިޓް ތެރޭގައި ޖެހި ފަސް ގޯލު ވެސް ހިމެނެ އެވެ.

ޖަރުމަނު ކަޕުގައި އޭނާ ވަނީ ތިން ގޯލު ޖަހާފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ނުވަ ގޯލު ޖަހާފައިވެ އެވެ.

ލެވޮންޑޯސްކީ އަށް ރޭ ހެނޯވާ96 އަތުން ބަޔާން މޮޅުވި މެޗުގެ ކުރިން ވަނީ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށްފަ އެވެ.

ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު ލެވޮންޑޯސްކީ އަކީ ޔޫރަޕުގެ ކޮންމެ ކުލަބަކުން ވެސް ބޭނުންވާނެ ކުޅުންތެރިއެއް ކަމަށާއި އޭނާ އެންމެ މަތީ ފެންވަރުގައި ގޯލު ޖަހަމުންދަނީ ބުރަ މަސައްކަތުން ކަމަށެވެ.